ސަރުކާރުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައްވެސް ހަކަތަރި ޕްރޮގްރާމަށް ގެންނަނީ
ސަރުކާރުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތަކަކީ، ހަކަތަރި ޕްރޮގްރާމްގެ ދަށުން ހޯދާ ވަޞީލަތްތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމަވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މި މަސައްކަތް ކުރުމަށް އުސޫލުތަކަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ރާއްޖޭގެ ހަކަތަރި ޕްރޮގްރާމަކީ، ބާޒާރުގައި ލިބެންހުރި ކަރަންޓުން އޮޕަރޭޓުކުރާ ސާމާނު، ގަންނައިރު އޭގެއިން ހަކަތަ ސަމަކާރަކުރާ (އެފިޝަންޓް) މިންވަރު ފަސޭހައިން ދެނެގަނެވޭ ނިޒާމެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ހަކަތަރި ލޭބަލް ދޫކޮށްފައިވާ އައިސް އަލަމާރިއާއި، އެއަރ-ކޮން އަދި ދޮންނަ މެޝިނުން ހަކަތަ ސަމަކާރަކުރާ މިންވަރު އެނގޭނެހެން މިހާރު ބާޒާރުގައި ލިބެން ހުރެއެވެ.
Ads by BMLއެގޮތުން އައިސް އަލަމާރިއާއި، އެއަރ-ކޮން އަދި ދޮންނަ މެޝިނުގެ ޖުމްލަ 71 މޮޑެލްއަކަށް މިހާތަނަށް ހަކަތަރި ލޭބަލް ވަނީ ދޫކޮށްފައިކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިމަޝްރޫޢު އިތުރަށް ފުޅާކުރުމަށް ހޯމަދުވަހުވަނީ މި ޕްރޮގްރާމަށް ފެން ޕަންޕާ، ވޯޓަރ ހީޓަރާއި ފަންކާ އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތް ފަށާފައިކަމަށާއި މިޕްރޮގްރާމަށް އިތުރު ސާމާނު އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އިލެކްޓްރޯނިކް އިތުރު ބާވަތްތައް ހަކަތަރި ޕްރޮގްރާމުގެ ދަށުން ރާއްޖެ އެތެރެކުރުމާއި ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، ޔޫއެސްއެއިޑް ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕް އިފްތިތާޙްކޮށްދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ވަޞީލަތްތައް ބޭނުންކުރުމަށާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް އިތުރުކުރުމަށް ރާއްޖެއިން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް މިޕްރޮގްރާމަކީ މުހިއްމު ޕްރޮގްރާމެއްކަމަށެވެ.
މިހާރު ޕްރޮގްރާމް ކުރިއަށްދާގޮތުން ހަމައެކަނި މި މަޝްރޫޢުގެ ދަށުން އާއްމު ރައްޔިތުންނަށް އިސްކަންދިންނަމަވެސް ކުރިއަށް އޮތްތަނުގައި ސަރުކާރުން ކުރިއަށްގެންދާ އެކި މަޝްރޫޢުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތަކަކީވެސް މިޕްރޮގްރާމްގެ ދަށުން ހަކަތަ ބޭނުންކުރާ އިންސައްތަ ބެލިގެން، ބޭނުންކުރެވޭ އާލާތްތަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ.
ކުރިއަށް އޮތް މުއްދަތުގައި މާލީ ވުޒާރާއާ ގުޅިގެން ޕަބްލިކް ޕްރޮކިއުމަންޓުގެ ގަވާއިދަށް ހަކަތަރި އިތުރުކޮށް، ސަރުކާރުގެ ޕްރޮކިއުމަންޓްގައި ހަކަތަ ސަމަކާރަކުރުމަށް އިސްކަމެއްދޭނޭ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
Ads by MACL
