ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

133 ބައިވެރިންނާއެކު މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ކާމިޔާބުކަމާއެކު ނިންމާލައިފި

133 ބައިވެރިންނާއެކު މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ކާމިޔާބުކަމާއެކު ނިންމާލައިފި

މާލީ ދާއިރާގެ އިސް މަސްއޫލުވެރިންނާއި މާހިރުން ހިމެނޭހެން 133 ބައިވެރިންނާއެކު، މިއަހަރުގެ “މޯލްޑިވްސް ފައިނޭންސް ފޯރަމް” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ މި ފޯރަމަކީ، ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ 13 ވަނަ ފޯރަމެވެ. މިއަހަރުގެ ފޯރަމް ޚާއްޞަކޮށްފައިވަނީ “ގްރީން ފައިނޭންސިންގ، ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް” މި މައުޟޫޢަށެވެ.

މި ފޯރަމްގައި ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއަރުވައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމާއި، ވިލުންވެރި އަދި ރައްކާތެރި އިޤްތިޞާދެއް ބިނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން، ރާއްޖެއަށް ގްރީން ފައިނޭންސްގެ މުހިންމުކަމާ ގުޅޭ ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހެޅުމުގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ގޭބިސީތަކަށާއި ކުދި ވިޔަފާރިތަކަށް އަދި ރަށްރަށަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން، ރެގިއުލޭޓަރީ އިދާރާތައް ބައިވެރިވި ރައުންޑް ޓޭބަލް މަޝްވަރާގައި، މިހާރު އެކުލަވާލަމުންދާ ޤާނޫނީ އަދި އިދާރީ އޮނިގަނޑުތަކުގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރިޕޯޓުކުރުމާއި، ބެލެހެއްޓުމާއި، އޮޑިޓްކުރުމުގެ އިތުރުން މާކެޓުގެ އިތުބާރު ކަށަވަރުކުރުމަށް ޢަމަލީގޮތުން އެޅިދާނެ ފިޔަވަޅުތަކާ މެދުވެސް ބައިވެރިން ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރުންނާއި، ރެގިއުލޭޓަރީ އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ތަރައްޤީގެ ބައިވެރިންނާއި ވިޔަފާރިވެރިން ބައިވެރިވި މި ފޯރަމްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި ދިގު މުއްދަތުގެ މާލީ ރައްކާތެރިކަން ދެމެހެއްޓުމުގައި ގްރީން ފައިނޭންސް އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލާފައިވެއެވެ.

“މޯލްޑިވްސް ފައިނޭންސް ފޯރަމް” އަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، އެ ދާއިރާގައި ޙަރަކާތްތެރިވާ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އިޤްތިޞާދީ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ކޮންމެ އަހަރަކު ބާއްވަމުންދާ ފޯރަމެކެވެ. މި ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2012 ވަނަ އަހަރުއެވެ.