ދިވެހި ޒުވާނުން ބާރުވެރިކުރުމަށް މޯލްޑިވްސް އިންފްލައިޓް ކޭޓަރިންއިން ބޭއްވި ޚާއްޞަ އޯޕަންޑޭއަށް ބޮޑު ތަރުޙީބެއް!
ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެ ބާރުވެރިކުރުމުގެ މަޤްޞަދުގައި، މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ގްރޫޕުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ “ރެކްރޫޓްމަންޓް އޯޕަންޑޭ ގޯލްޑަން ޓިކެޓް” ހަރަކާތަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބި، އެ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓެލުގައި ބޭއްވި މި ޚާއްޞަ އިވެންޓަކީ ޢުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އެ ގްރޫޕުގެ ކްލަސްޓަރ އެޗްއާރު ޑިރެކްޓަރ އަމީޤު އިސްމާޢީލް ވިދާޅުވީ، މި އިވެންޓުގެ މައިގަނޑު މަޤްޞަދަކީ އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުޞަތުތައް ދިވެހިންނަށް ޚާއްޞަކޮށްގެން ހުޅުވާލުން ކަމަށެވެ. އަދި އުންމީދުކުރި ވަރަށްވުރެވެސް ރަނގަޅު ތަރުޙީބެއް މި ހަރަކާތަށް ލިބިގެންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އޯޕަންޑޭގެ އެންމެ ފަހު މަރުޙަލާގައި، ސީނިއާ މެނޭޖްމަންޓުގެ އިންޓަވިއުއިން އެންމެ މަތީ ނަތީޖާ ހޯދި 30 ބައިވެރިންނަށް “ގޯލްޑަން ޓިކެޓް” އިވެންޓުގައި އެ ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ދީފައިވެއެވެ. އަދި ޖަޖުންގެ ޕެނަލަކުން މާކްސް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ޤާބިލު 25 ބައިވެރިން ވަނީ ހޮވާފައެވެ.
Ads by BMLއަމީޤު ވިދާޅުވި ގޮތުގައި، ހޮވުނު 25 ބައިވެރިން ޝޯޓްލިސްޓު ކުރުމަށްފަހު ވަޒީފާގެ ފުރުޞަތު ދޭނެ ކަމަށާއި، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ރަސްމީކޮށް އެކަން އަންގަމުންދާނެއެވެ. މީގެ އިތުރުން، ފަހު މަރުޙަލާއަށް ނުހޮވުނު ބައިވެރިންވެސް ކުންފުނީގެ ޑޭޓާބޭސްގައި ހިމެނިފައިވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވަޒީފާ ހުސްވަމުންދާ މިންވަރަކުން އެ ކުދިންނަށް އިސްކަންދީގެން ފުރުޞަތު ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، މި އޯޕަންޑޭގައި ބައިވެރިވި ޒުވާނުންނަށް ކުރިއަށް އޮތްތަނުގައި އެޕްރެންޓިސްޝިޕާއި އިންޓަރންޝިޕްގެ އިތުރުން ހޮސްޕިޓާލިޓީ ދާއިރާގެ އެކި ވަޒީފާގެ ފުރުޞަތުތައްވެސް މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ގްރޫޕުން ފަހިކޮށްދޭނެ ކަމަށް އަމީޤު ވިދާޅުވިއެވެ.
Ads by MACL
