އެތައް ސަތޭކަ ބަޔަކާއެކު ”އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފި
ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް ގަދަރާއި އިޙުތިރާމް އަދާކުރުމުގެ ރިވެތި އާދަ އަލުން އާލާކޮށް އަށަގެންނެވުމުގެ މަޤްޞަދުގައި، ސަރުކާރުން ކުރިއަށްގެންދާ “އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މި މަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މި ކެމްޕެއިން ފައްޓަވައިދެއްވީ، އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ މޮނިއުމެންޓް މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވައިދެއްވައިގެންނެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ރަސްމިއްޔާތުގައި ދައުލަތުގެ އެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން، ކޮލެޖު ޔުނިވަރސިޓީތަކާއި ސްކޫލުތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޙަފްލާއެއްގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ — ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
ޤައުމީ ފެންވަރުގައި ފެށި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، މުޖުތަމަޢުގެ އެކި ފަންތީގެ މީހުންގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިކުރުމާއި، ދިވެހިންގެ ތެރެއިން ނެތެމުންދާ އިޙުތިރާމް ކުރުމުގެ ރިވެތި ސިފަ އަލުން ދިރުވުމެވެ. މި ކެމްޕެއިންގައި ޚާއްޞަ އިސްކަމެއް ދީފައިވަނީ ޒުވާނުންނާއި ކުޑަކުދިންގެ ހިތްތަކުގައި މި ރީތި އާދަ ހަރުދަނާކޮށް އަށަގެންނެވުމަށެވެ.
ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމީ ސިފަތައް ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ފެށި މި މަޝްރޫޢަކީ، ޤައުމިއްޔަތު ދިރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދިވެހިންގެ އަމިއްލަވަންތަކަން ނެތެމުންދާން ފަށާފައިވާކަން ފާހަގަކުރައްވައި، ޤައުމިއްޔަތާއި ދިވެހި ބަހަށް ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އަދި ރާއްޖޭގެ ތާރީޚު ދިރާސާކޮށް، ދިވެހި ސަގާފީ އާދަކާދަތައް އާލާކުރުމަށްވެސް ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިސްކޮށް ހަރަކާތްތެރިވާ މި މަޝްރޫޢުގެ ދަށުން، އިޙުތިރާމް އަދާކުރުމުގެ ރިވެތި އާދަ މުޅި ރާއްޖޭގައި އަލުން އާލާވެ، ދިވެހި މުޖުތަމަޢަކީ އެކަކު އަނެކަކަށް ގަދަރުކުރާ އެކުވެރި މުޖުތަމަޢަކަށް ވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
Ads by MACL
