ތަހުޒީބު މުޖުތަމަޢެއް ބިނާކުރެވޭނީ އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން: ރައީސް
ދިވެހި މުޖުތަމަޢަކީ ތަރައްޤީވެފައިވާ ތަހުޒީބު މުޖުތަމަޢަކަށް ހެދޭނީ، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި ޤަދަރުކުރުމުގެ ރިވެތި ސިފަ އަށަގެންނެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫޙަކީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި ޤަދަރުކުރުންކަން އަބަދުވެސް ހަނދާންކުރަންޖެހޭ ކަމަށެވެ. އެގޮތުން، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން ދިވެހީންނަކީ އެކަކު އަނެކަކުގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެކަކު އަނެކަކުގެ ކަރާމާތާއި ޤަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުވުމަށް އިލްތިމާސްކުރެއްވިއެވެ. ޚާއްޞަކޮށް، މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތްކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި، ޣީބަބުނުމާއި އާޑަފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން މުޖުތަމަޢު ޠާހިރުކޮށްފިނަމަ، ދިވެހީންނަކީ އިޙްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިޙްތިރާމް ކުރުމަކީ ލޮލަށް ނުފެންނަ މުޑުވައް ކުރުމެއްގެ ގޮތުގައި ސިފަކުރައްވައި، އެ މުޑުވަކުން ފަޅާ ގަސްތަކުގެ ހިޔާ މުޅި މުޖުތަމަޢަށް އިންތިހާއަށް ބޭނުންތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އާއިލާތަކާއި، އޮފީސްތަކާއި މަދަރުސާތަކުގެ އިތުރުން، ޤައުމުގެ ޞުލްޙަމަސަލަސްކަމާއި ޤައުމަށް ލިބިފައިވާ ރީތި ނަމާއި ޤަދަރަށް އިޙްތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، އިސްލާމްދީނުގެ މަތިވެރި ހަމަތަކާ އެއްގޮތަށް އުޅުންތަކާއި ގުޅުންތައް އިޞްލާޙުކޮށް، ކާބަފައިންގެ ޝަރަފުވެރި އަމާން މާޒީގެ އުފާވެރިކަން އަލުން ހޯދުމަށް ޢަޒުމް ކަނޑައެޅުމަށް ގޮވާލައްވަމުންނެވެ. އަދި ދިވެހީންގެ ސިކުނޑި އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް އުފުލާލައި، ޤައުމީ ތަރިކަތަކާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ މުސްލިމް އިންސާނާ ބިނާކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
Ads by MACL
