ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިހްތިރާމް ދިރުވުމަށް ފެށީ ގައުމު ބިނާކުރުމުގެ މުހިންމު ދަތުރެއް: ރައީސް

އިހްތިރާމް ދިރުވުމަށް ފެށީ ގައުމު ބިނާކުރުމުގެ މުހިންމު ދަތުރެއް: ރައީސް

ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ މަތިވެރި ސިފަ އަލުން އިއާދަކޮށް، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަގްސަދުގައި ސަރުކާރުން އިސްނަގައިގެން ފެށި “އިހްތިރާމްކުރުމުގެ ގައުމީ މަޝްރޫއު” އަކީ ގައުމު ބިނާކުރުމުގެ މުހިންމު ދަތުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ތަހުޒީބު ކޮންމެ މުޖުތަމައެއްގައި ވެސް އެ ބައެއްގެ އަހުލާގީ ފެންވަރާއި ގައުމީވަންތަކަން ދައްކައިދޭ އެންމެ ފާޅުކަން ބޮޑު ނިޝާނަކީ އެބައެއްގައި ހުންނަ އިހްތިރާމްކުރުމުގެ ސިފަތައް ކަމަށެވެ. އަދި މި މަޝްރޫއަކީ ދިވެހީންގެ ހިތްތަކާއި ޒަމީރުތަކަށް އެ މާތް ސިފަ އަލުން ހަނދާންކޮށްދޭ މުހިންމު ފެށުމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“އިހްތިރާމްކުރުމުގެ ގައުމީ މަޝްރޫއު” އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ — ފޮޓޯ: ރައީސް އޮފީސް

މާތްވެގެންވާ އިސްލާމްދީނުގައި އިންސާނާ ލައްވާފައިވާ މަތިވެރި ދަރަޖައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އާއިލާތަކުގެ ތެރޭގައާއި، ރަހުމަތްތެރިކަމުގެ ގުޅުންތަކުގެ އިތުރުން، ކުރާ ކޮންމެ މަސައްކަތަކާއި މުއާމަލާތެއްގައި ވެސް އިހްތިރާމް ދެމެހެއްޓުމަކީ ގައުމުގެ ރަށްވެހިކަމާއި އުފާވެރިކަން ދިރިގެންދާނެ ކަމެއް ކަމަށެވެ.

މީގެއިތުރުން، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަގުރީރުގެ މަތިން ހަނދުމަފުޅު އާކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ލޮލަށް ފެންނަ އުމްރާނީ ތަރައްގީގެ އިތުރުން، އިންސާނީ ފިކުރީ އަދި މާނަވީ ތަރައްގީ ގައުމަށް ގެނައުން ކަމަށެވެ. އަދި ހަގީގީ ވަށާޖެހޭ ތަރައްގީއަކީ ދިވެހި ފަސްގަނޑު އިމާރާތްކުރުމާއެކު ދިވެހީންގެ ވިސްނުމާއި ސިކުނޑި އިސްލާމީ ހަމަތަކުގެ މަތީގައި ބިނާކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނަށް ވެވަޑައިގެންނެވި އެ ވައުދު ހަގީގަތަކަށް ހެއްދެވުމުގެ އަޒުމުގައި ސާބިތުވެ ހުންނެވިކަން ހާމަކުރައްވަމުން، ދިވެހިވަންތަކަމަށް އާ ދިރުމެއް ގެނެސްދިނުމަށް ފެށުނު މި ގައުމީ މަޝްރޫއުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ރައީސް ވަނީ އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.