ދިވެހިން ބިނާކުރާނީ އިސްލާމީ ހަމަތަކުގެ މަތީގައި ޤައުމިއްޔަތަށް ފަޚުރުވެރިވާ ބައެއްގެ ގޮތުގައި: ރައީސް
ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓައި، ޤައުމީ ތަރިކަތައް ދަމަހައްޓައި، އިސްލާމީ ހަމަތަކުގެ މަތީގައި ޤައުމިއްޔަތަށާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ ބައެއްގެ ގޮތުގައި ބިނާކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހަގީގީ ވަށާޖެހޭ ތަރައްޤީއަކީ ދިވެހި ފަސްގަނޑު އިމާރާތްކުރުމާއެކު ދިވެހީންގެ ވިސްނުމާއި ސިކުނޑި އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް އުފުލާލުން ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަޤުރީރުގައި، މާއްދީ ތަރައްޤީގެ އިތުރުން ފިކުރީ އަދި މާނަވީ ތަރައްޤީ ގެނެސްދެއްވުމަށް ވެވަޑައިގެންނެވި އިޤުރާރު ހަގީގަތަކަށް ހެއްދެވުމުގެ އަޒުމުގައި މިހާރުވެސް ސާބިތުވެ ހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ތަހުޒީބު ކޮންމެ ޖަމާޢަތެއްގައި ވެސް އެ ބައެއްގެ ޤައުމީވަންތަކަމާއި އަޚުލާޤީ ފެންވަރު އަންގައިދޭ އެންމެ ފާޅުކަން ބޮޑު ނިޝާނަކީ އެބައެއްގައި ހުންނަ އިޙްތިރާމުކުރުމުގެ ސިފަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިހު ދިވެހީންގެ ކިބައިގައި އޮތް އަވަށްޓެރިންނަށް ކަމޭހިތުމާއި، ވަގުތަށް ކަމޭހިތުމުގެ މަތިވެރި ސިފަތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އިހުގައި ރަށުގެ މަސައްކަތްތަކަށް ގޮވާލުމުން ގަޑިއަށް ރައްޔިތުން ހާޒިރުވުމާއި، 50 އަހަރު ސަރުކާރަށް ޚިދުމަތް ކުރެއްވިއިރުވެސް ދުވަހަކުވެސް ގަޑިޖެހިވަޑައިގެންފައި ނުވާ ޚިދުމަތްތެރިން ތިއްބެވިކަން އެއީ ފަޚުރުވެރިވާންޖެހޭ ރީތި ނަމޫނާއެއް ކަމަށެވެ.
Ads by BMLމީގެއިތުރުން، ދިވެހި އޮޑިފަހަރުގެ ފަށަން އެ އޮޑީގެ އެހެން މަޑޫތަކާ ގުޅިފައިވާ ފަދައިން، އިޙްތިރާމުކުރުމުގެ މާތް ސިފައަކީ ދިވެހީންގެ އެންމެހާ ކަންތައްތަކާ ގުޅިފައިވާ ދިވެހިވަންތަކަމުގެ ސާފު ދަލީލެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ އަގުހުރި އިންސާނީ ސިފަތަކެއްގައި ދިވެހީން އެތައް ޒަމާނެއް ވަންދެން ދެމިތިބި ހަގީގީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ޤުރްއާނުން ލިބިދޭ މަތިވެރި ދަރުސްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
Ads by MACL
