ސަރުކާރު ހިންގާ ޕީއެންސީއާއެކު އިއްތިހާދުވުމަށް އަދާލަތު ޕާޓީން ނިންމައިފި
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ކޯލިޝަން ހަދައިގެން މަސައްކަތްކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ.
އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އިސްވެ ދައުވަތު ދިނީ ޕީއެންސީން ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އިސްލާމްދީނުގެ ކަންކަން ހަރުދަނާކުރުމާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އިތުރުން، އިގްތިސާދު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ރައީސް ބޭނުންފުޅުވާތީ، ޕީއެންސީން އެ ދައުވަތު ދީފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ދައުވަތާ ގުޅިގެން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ، ރައީސް ޑރ. މުޢިއްޒުގެ މި ދައުރުގެ ބާކީ އޮތް މުއްދަތުގައްޔާއި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް މުޢިއްޒާއި ޕީއެންސީއާއެކު އިއްތިހާދުވެގެން މަސައްކަތް ކުރުމަށް ކަމަށް އެ ޕާޓީން ބުނެއެވެ.
Ads by BML
Ads by MACL
