ރިޔާސީ އިންތިހާބުގައި ވެސް ތިބޭނީ ސަރުކާރާއި އެކުގައި: އަދާލަތު ޕާޓީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގެ ބާކީ އޮތް މުއްދަތުގައްޔާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އިއްތިހާދުވެގެން މަސައްކަތްކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ.
އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އިސްވެ ދައުވަތު ދިނީ ޕީއެންސީން ކަމަށެވެ. އެގޮތުން، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި އިސްލާމްދީނުގެ ކަންކަން ހަރުދަނާކުރުމާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އިތުރުން، އިގްތިސާދު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ރައީސް ބޭނުންފުޅުވާތީ، ޕީއެންސީން އެ ދައުވަތު ދީފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ދައުވަތާ ގުޅިގެން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ، ސަރުކާރާއެކު ކޯލިޝަން ހަދައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ރައީސް މުޢިއްޒާއި ޕީއެންސީއާއެކު ސާބިތުވެ ތިބުމަށް ރަސްމީކޮށް ފާސްކޮށްފައެވެ.
Ads by BML
Ads by MACL
