އިހްތިރާމް އަދާކުރުމުގެ މަތިވެރި ސިފަ އަކީ ދިވެހީންގެ އަސްލުވަންތަކަން: ރައީސް
އެކަކު އަނެކަކަށް ކަމޭހިތައި އިހްތިރާމް އަދާކުރުމުގެ މަތިވެރި ސިފައަކީ ދިވެހީންގެ އަސްލުވަންތަކަމާއި ތަހުޒީބުކަން ދައްކުވައިދޭ އެންމެ މުހިންމު އަސާސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޖުތަމަޢުގައި އަޚްލާޤީ ރީތި ސިފަތައް އަލުން އާލާކުރުމަށް ސަރުކާރުން ފެށި “އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” އިފްތިތާޙުކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހި އޮޑިފަހަރުގެ ފަށަން އެ އޮޑީގެ އެހެން މަޑޫތަކާ ގުޅިފައިވާ ފަދައިން، އިހްތިރާމްކުރުމުގެ މާތް އާދައަކީ ދިވެހީންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާ ލާމެހިފައިވާ ޚާއްޞަ މީޒާއެއް ކަމަށެވެ.
ރާއްޖޭގެ މުއްސަނދި ތާރީޚަށް ބަލާއިރު ދިވެހީންނަކީ އަޚްލާޤީ ގޮތުން ނުހަނު މަތީ ދަރަޖައެއްގައި ތިބި ބައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޢަރަބި ތާރީޚު ޢިލްމުވެރިޔާ އަލްމަސްޢޫދީ ރާއްޖެ ސިފަކުރެއްވީ ހަމައެކަނި ޤުދުރަތީ ރީތިކަމަށް ބައްލަވައިގެން ނޫން ކަމަށާއި، ދިވެހީންގެ މާނަވީ ރިވެތި ސިފަތަކަށް ވެސް ރިޢާޔަތްކުރައްވައިގެން ކަމަށެވެ.
Ads by BMLމީގެއިތުރުން، މަޝްހޫރު ސައްޔާޙު އިބްނު ބަޠޫޠާގެ ލިޔުއްވުންތަކުން ވެސް ދިވެހީންނަކީ ހިތްސާފު، އަނެކުން ކޮށްދޭ ހެޔޮކަމުގެ އަގުވަޒަންކޮށް މޭމަތީގައި އަތްއަޅައި “ދަރުމަހުރި” ބުނެ އަދަބުވެރިކަން އިސްކުރި ބައެއްކަން ހާމަވާ ކަމަށާއި، ދިވެހީންގެ އިސްލާމީ މަތިވެރި އަޚްލާޤުގެ ސަބަބުން ދެއްވާ އިލާހީ މަދަދަށްޓަކައި ދުޝްމަނުން ވެސް ދިވެހީން ދެކެ ޖެހިލުންވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި އިޖުތިމާޢީ ވެށީގައި ދާދި ފަހަކާ ޖެހެންދެން އޮތް ޤަދަރާއި އިހްތިރާމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރަށްރަށުގެ ނައިބުބޭކަލުންނާއި ކަލޭފާނުންނާއި ކަތީބުން އަދި މުދިމުން މަގުމަތިން ވަޑައިގަންނަވާ ވަގުތު ކުނިކަހަން ތިބޭ މީހުން ވެސް ތެދުވެ އެއްފަރާތުގައި މަޑުކޮށްލާ ކަމަށާއި، ކިޔަވާ ކުދިން އެ ބޭކަލުންގެ ކުރިކަނޑައި ނުދާކަން ރައީސް ހަނދާންކޮށްދެއްވިއެވެ.
ހަމައެއާއެކު، މުޖުތަމަޢުގެ އާންމު ޚިދުމަތްތެރީންނަށް “ކެޔޮބޭބެ”، “މާވަޑިބޭބެ”، “އެދުރުބޭބެ” އަދި “ބޭކެނބި ދައިތަ” ފަދަ ލޯތްބާއި ޤަދަރު އެކުލެވޭ ޢިބާރާތްތަކުން މުޚާޠަބުކުރުމަކީ އިސް މީހުންނަށް ކަމޭހިތާ ތަހުޒީބު މުޖުތަމަޢެއް ރާއްޖޭގައި އޮތްކަމުގެ ސާފު ދަލީލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ވަގުތަށް ފަރުވާތެރިވުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އޮފީސްތަކުގެ މުވައްޒަފުންނާއި ސްކޫލް ދަރިވަރުން ވެސް ގަޑިއަށް އިހްތިރާމްކުރި މިންވަރު ރައީސް ފާހަގަކުރެއްވި އިރު، ސަރުކާރުގައި 50 އަހަރު ޚިދުމަތްކުރެއްވި އިރު އެންމެ ދުވަހަކު ވެސް ގަޑިޖެހިވަޑައިގެންފައި ނެތް ނަމޫނާ ބޭފުޅުން އުޅުއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަވަށްޓެރިކަމުގެ މަތިވެރި ގުޅުމަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އަވަށްޓެރިޔާގެ ގޭގެ ތެލީގައި އުނދުޅި ކާއްތާލާ އަޑު އިވުމުން އެ ގެއަކަށް ކާއެއްޗެހި ފޮނުވުމާއި، އަވަށްޓެރިޔާގެ ގޯތިތެރެއަށް ކުނި އެޅިދާނެތީ ގަސްގަހާގެހި ކޮށައި ބެލެހެއްޓުމަކީ ދިވެހީން ގެންގުޅުނު ރިވެތި އާދަތަކެއް ކަމަށެވެ.
މި ޖަލްސާ ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، މިފަދަ މާތް އިސްލާމީ އަދި ޤައުމީ ސިފަތައް މުޖުތަމަޢުން ފަނޑުވިޔަނުދީ ދެމެހެއްޓުމަށާއި، އަލަށް ފެށި ޤައުމީ މަޝްރޫޢުގެ ތެރެއިން އެ ރީތި އާދަތައް އަލުން އަނބުރާ ގެނައުމަށް އެންމެހާ ރައްޔިތުން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
Ads by MACL
