ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާ ޓާމިނަލްއާ އެކު ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ދަތިތަކަށް ހައްލެއް ލިބޭނެ: ރިސޯޓްތަކުގެ މަންދޫބުން

އާ ޓާމިނަލްއާ އެކު ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ދަތިތަކަށް ހައްލެއް ލިބޭނެ: ރިސޯޓްތަކުގެ މަންދޫބުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޕެސެންޖަރު ޓާމިނަލް ހުޅުވުމާއެކު، ރާއްޖެ އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކުގެ މަންދޫބުން ބުނެފިއެވެ.

ސޮނެވާގެ ތިން ރިސޯޓްގެ އެއާޕޯޓް މެނޭޖަރު އަލީ ނަސީރު ވިދާޅުވީ، މިހާރުގެ ހާލަތުގައި ފަތުރުވެރިން އެއާޕޯޓުން ނިކުތުމަށް ގިނަ ވަގުތު ހޭދަވާ ކަމަށާއި، އެކަމުގެ ސަބަބުން އެމީހުންނަށް މަރުހަބާ ކިޔުމަށް ރިޕްރެޒެންޓޭޓިވުން ގިނަ އިރު އިންތިޒާރު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް، އާ ޓާމިނަލްގެ ޖާގަ ބޮޑުވެ، ވަސީލަތްތައް އިތުރުވުމުން މި މައްސަލަތައް ހައްލުވެ، ފަތުރުވެރިންނަށް އަވަސް ޚިދުމަތެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓްގެ މެނޭޖަރު ލަރީސާ ވިދާޅުވީ، އާ ޓާމިނަލަކީ ފަތުރުވެރިންނަށް މުޅިން އާ ހާއްސަ ތަޖުރިބާއެއް ގެނެސްދޭނެ ތަނެއް ކަމަށާއި، އެކަމަށް ފަތުރުވެރިންގެ ތަރުހީބު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. "އާ ޓާމިނަލްގެ ތަޖުރިބާ ހިއްސާކުރަން ކެތްމަދުވެފައި މިހުރީ،" ލަރީސާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޖުމެއިރާ މޯލްޑިވްސްގެ އެއާޕޯޓްސް ސާވިސް މެނޭޖަރު ނޫހް އަބްދުލްހާރިސް ވިދާޅުވީ، އާ ޓާމިނަލްގެ ސަބަބުން ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ޓާމިނަލްގެ ޖާގައިގެ ބޭނުން ވަރަށް ފުރިހަމައަށް ހިފާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، އޮޕަރޭޝަނަލް ރެޑީނެސް އެންޑް އެއާޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ ދަށުން ޓްރަޔަލްތައް ބާއްވަމުން ދެއެވެ. މި ޓްރަޔަލްތަކުގައި އެއާލައިންތަކާއި، އެއާޕޯޓް ރިޕްރެޒެންޓޭޓިވުން އަދި ޓްރެވަލް އެޖެންޓުންވެސް ބައިވެރިވެފައިވެއެވެ.