ޗާގޯސް މައްސަލާގައި ސަފީރު ގީލާގެ ވާހަކަފުޅު އޮޅުވާލައިފި، ޙަޤީޤަތް އޮޅުވައެއްނުލެވޭނެ: ސަރުކާރު
ޗާގޯސް އަކީ ދިވެހިރާއްޖޭގެ ބައެއް ނޫން ކަމަށާއި، އެއަށް ދަޢުވާ ނުކުރާ ކަމަށް ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ސަފީރު، ޢާއިޝަތު ޖިހާން ސަލީމް (ގީލާ ޢަލީ) ޔޫރަޕިއަން ޕާލިމަންޓުގައި ވިދާޅުވި ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުން ފަތުރަމުންދަނީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތައް އޮޅުވާލައިގެން ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ވާގޮތުން، ޔޫރަޕިއަން ޕާލިމަންޓުގެ ބައްދަލުވުމެއްގައި ސަފީރު ގީލާއާ ކުރެވުނު ސުވާލަކީ ޗާގޯސްގެ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ގާއިމުކޮށްފައި އޮތުމާ މެދު ދިވެހިރާއްޖެއިން ދެކޭ ގޮތަކާ ބެހޭ ގޮތުންނެވެ.
އެ ސުވާލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސް ގާއިމުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތީ ވަރަށް ޒަމާންވީ، ގާތް ގުޅުމެއް ކަމަށެވެ. މި ޖަވާބު އޮޅުވާލައި، ދިވެހިރާއްޖޭން ޗާގޯސްގެ މައްޗަށް ކުރާ ދަޢުވާ ދޫކޮށްލި ކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުންދާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
Ads by BMLމިކަމާ ގުޅިގެން ސަރުކާރުން ވަނީ ކުރީގެ އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. ސަރުކާރުން ބުނީ، ޗާގޯސް (ފޯޅަވަހި) ގެ ޙައްޤުތައް ދިވެހިރާއްޖެއަށް ގެއްލުވާލާފައިވަނީ 2022 ވަނަ އަހަރު، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި "ސިއްރު ސިޓީއަކުން" ކަމަށެވެ.
އެ ސިޓީގައި ދިވެހިރާއްޖޭން ވަނީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްކަން ފުރަތަމަ ފަހަރަށް ރަސްމީކޮށް ޤަބޫލުކޮށްފައެވެ. މި ނިންމުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަޝްވަރާއެއް އަދި ރައްޔިތުންގެ ޚިޔާލެއް ހޯދުމެއް ނެތި، ގައުމީ މަސްލަހަތުތަކަށް ބެލުމެއް ނެތި ކަމަށް މިހާރުގެ ސަރުކާރުން ތުހުމަތު ކުރެއެވެ.
"ޙަޤީގަތަކީ، ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމް.ޑީ.ޕީ.ގެ ސަރުކާރުގެ ސިއްރު ސިޓީއަކުންނެވެ. މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ،" ސަރުކާރުގެ ބަޔާނުގައިވެއެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަޙައްދު ވަކިކުރުމުގެ މައްސަލައަކީ ދިގު މުއްދަތެއް ވެފައިވާ މައްސަލައެކެވެ. މި މައްސަލަ ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހެޅިފައިވާއިރު، ދިވެހިރާއްޖޭން ކުރިން ގެންގުޅުނު ސިޔާސަތަކީ ޗާގޯސްގެ މިލްކުވެރިކަމާމެދު (އިނގިރޭސިވިލާތް ނުވަތަ މޮރިޝަސް) ވަކިކޮޅަކަށް ނުޖެހި، ކަނޑުގެ ސަރަޙައްދު ބެހުމުގެ ވާހަކަތައް ކުރިއަށް ގެންދިއުމެވެ.
ނަމަވެސް، 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ރައީސް ޞާލިޙްގެ ސަރުކާރުން ސިޔާސަތު ބަދަލުކޮށް، ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްކަމަށް ޤަބޫލުކުރާކަމަށް އެންގުމުން، ގިނަ ބަޔަކު ދެކޭގޮތުގައި އިޓްލޮސްގެ ޙުކުމް ދިވެހިރާއްޖެއާ ދެކޮޅަށް އައުމަށް އެޅުނު އެންމެ ބޮޑު ފިޔަވަޅަކީ އެއީއެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް މަހު އިޓްލޮސްއިން ޙުކުމް ކުރީ ދެ ޤައުމުގެ ދެމެދުގައިވާ 97,556 އަކަކިލޯމީޓަރުގެ ތެރެއިން ބޮޑުބައި (54,233 އަކަކިލޯމީޓަރު) މޮރިޝަސްއަށް އަދި ކުޑަބައި (43,323 އަކަކިލޯމީޓަރު) ދިވެހިރާއްޖެއަށް ދިނުމަށެވެ.
މިހާރުގެ ސަރުކާރުން ވަނީ ގެއްލުނު ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވައުދުވެފައެވެ. އަދި ޤައުމީ މަސްލަޙަތުތައް ޙިމާޔަތްކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒަށް ނުލެނބޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެމުން ގެންދެއެވެ.
Ads by MACL
