އެކްސިޑެންޓްވި ސައިކަލަކީ ރައްޓެއްސަކު ދުވަހު ކުއްޔަށް ނަގައިދިން ސައިކަލެއް!
މާލޭގައި މިދިޔަ އާދިއްތަ ދުވަހުގެރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި، މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ތޭރަ މުޙައްމަދު ޢަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅު އަލްސަން، 17، ދުއްވި ކަމަށް ބެލެވޭ ސައިކަލަކީ އޭނާގެ ރައްޓެއްސަކު ދުވަހު ކުއްޔަށް ނަގައިދިން ސައިކަލެއްކަން އެނގިއްޖެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އެރޭ 8:10 ހާއިރު ބޮޑުތަކުރުފާނު މަގު ބަސް ޓާމިނަލް ކައިރީގައިވާ ޒިބްރާ ކްރޮސްގައެވެ. މިއެކްސިޑެންޓް ހިނގީ، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް، ޒިބްރާ ކްރޮސް އިން މަގު ހުރަސްކުރަމުން ދިޔަ މީހެއްގެ ގައިގައި ޖެހި، ކޮންޓްރޯލުން ނެއްޓި ކައިރިން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުވި ސައިކަލުގައި އަލްސަންގެ އިތުރުން 16 އަހަރުގެ އިތުރު ކުއްޖަކު ވެސް އިނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކްސިޑެންޓުވި ސައިކަލަކީ އަލްސަންގެ ރައްޓެއްސަކު ދުވަހު ކުއްޔަށް ނަގައިގެން އޭނާއާ ހަވާލުކުރި އެއްޗެކެވެ. މިކަމުގެ އެންމެ ހިތާމަވެރި އެއް ކަމަކީ، އަލްސަން ސައިކަލެއް ދުއްވާ ކަމެއް ނުވަތަ، އޭނާއަށް ސައިކަލު ދުއްވަން އެނގޭ ކަމެއް ވެސް އޭނާގެ އާއިލާއަށް އެނގިފައި ނުވުމެވެ. އުމުރުން 17 އަހަރުގެ އަލްސަނަށް ލައިސަންސް ލިބިފައި ނުވާއިރު، އޭނާ ސައިކަލު ދުއްވިކަން އާއިލާއަށް ވެސް ވެގެން ދިޔައީ ބޮޑު ހައިރާންކަމަކަށެވެ.
Ads by BMLމި ހާދިސާއިން ސައިކަލު ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ޒިންމާގެ މުހިންމުކަން ވަރަށް ބޮޑަށް ފެންނަން އެބައޮތެވެ. ޚާއްސަކޮށް ދުވަހު ކުއްޔަށް ސައިކަލު ދޫކުރުމުގައި، ސައިކަލު ހަވާލުކުރެވޭ ފަރާތުގެ ލައިސަންސް އޮތްތޯ ޔަގީންކުރުމަކީ މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. ލައިސަންސް ނެތް ކުޑަކުދިންނާއި ޒުވާނުންގެ އަތްމައްޗަށް ސައިކަލުތައް އެރުމަކީ މުޅި މުޖުތަމައުއަށް ކުރިމަތިވާ ނުރައްކަލެކެވެ.
ފުލުހުން ވަނީ މި އެކްސިޑެންޓުގެ ފުރިހަމަ ތަހްގީގެއް ކުރިއަށް ދާކަން ކަށަވަރުކޮށްދީފައެވެ. އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުން ކަމަށްވާ ސައިކަލުގައި އިން 16 އަހަރުގެ ކުއްޖާ އާއި މަގު ހުރަސް ކުރި 40 އަހަރުގެ މީހާގެ ހާލު ވެސް ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ. މަގު ހުރަސް ކުރި މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުނެއެވެ.
ފުލުހުން އަދިވެސް ދަނީ ސައިކަލު ދުއްވަން އިނީ ކާކުކަން ކަށަވަރު ކުރުމަށްޓަކައި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހިތާމަވެރި ހާދިސާގައި ޒުވާން އުމުރުގައި އަލްސަން ނިޔާވުމަކީ އޭނާގެ އާއިލާއަށާއި ރައްޓެހިންނަށް ލިބުނު ފުން ހިތާމައެކެވެ. އަދި މިފަދަ ހާދިސާތަކުން އިބުރަތް ހާސިލުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކުން އިސްކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
Ads by MACL
