ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ކުރީގެ ހުރިހާ ރައީސުންނާއި ނައިބު ރައީސުންނަށް ދައުވަތު އަރުވަނީ

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ކުރީގެ ހުރިހާ ރައީސުންނާއި ނައިބު ރައީސުންނަށް ދައުވަތު އަރުވަނީ

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް، ދުނިޔޭގައި ދިރިތިއްބެވި ކުރީގެ ހުރިހާ ރައީސުންނާއި ނައިބު ރައީސުންނަށް ދައުވަތު އަރުވަން ސަރުކާރުން ނިންމަވައިފިއެވެ. ގައުމީ އެއްބައިވަންތަކަން އިސްކުރުމުގެ ގޮތުން އަޅުއްވާފައިވާ މި ފިޔަވަޅުގެ މަޢުލޫމާތު ހާމަކުރެއްވީ ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމްއެވެ.

މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި ގޮތުގައި، މިނިވަންކަމުގެ ރޫޙު ދެމެހެއްޓުމުގައި އެ ބޭފުޅުން އަދާކުރައްވާފައިވާ ޚިދުމަތުގެ އަގު ސަރުކާރުން ވަޒަންކުރާ ކަމުގެ ނިޝާނެއްގެ ގޮތުން މި ދައުވަތު އަރުވަނީ، ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައި މުޅި ރައްޔިތުންގެ ޚިދުމަތް ބަލައިގަންނަ ކަން ދެއްކެވުމުގެ މަގްސަދުގައެވެ.

"މިއީ މުޅި ގައުމުގެ ދުވަހެއް. ގައުމީ ޚިދުމަތުގެ އަގުވަޒަންކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގައުމަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް ޙައްޤު އިޙްތިރާމާއި ޝަރަފު ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ 'އަޚްލާޤީ ބަދަލުގެ' މުހިންމު ނަމޫނާއެއް ކަމަށެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައެވެ. ކުލަގަދަކޮށް ބާއްވާ މި ޖަލްސާއަށް، އެ ސެންޓަރުގެ ޖާގައިގެ ގޮތުން 1،500 ބޭފުޅުންނަށް ދައުވަތު އަރުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅުވައިގެން، ޖުލައި 26 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް ކުރީގެ ހުރިހާ ރައީސުންނަށް އެމްއޭސީއެލް އިން ވަނީ ދައުވަތު އަރުވާފައެވެ.