މާލޭގެ މަގުތައް ނުރައްކާތެރި: 11 މަސް ތެރޭ ލައިސަންސް ނެތި ދުއްވި 1100 އަށްވުރެ ގިނަ މައްސަލަ!
މާލެ ސަރަހައްދުގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ޓްރެފިކް ގަވާއިދުތަކަށް ފަރުވާކުޑަކުރުން އިންތިހާއަށް ގޮސްފައިވާކަން ދައްކުވައިދޭ ތަފާސްހިސާބުތަކެއް ފުލުހުން މިއަދު ހާމަކޮށްފިއެވެ. އެގޮތުން، ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި މާލެއާއި ސިނަމާލެ ބުރިޖު ސަރަހައްދުން ލައިސަންސް ނެތި ދުއްވި 1142 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ލައިސަންސް ނެތި ދުއްވުމުގެ އިތުރުންވެސް ގަވާއިދާ ޚިލާފުވުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު 11 އިން މި މަހުގެ 8 ގެ ނިޔަލަށް، ނުރައްކާތެރިކޮށް ދުއްވި 4،566 ސައިކަލު ދުއްވި މީހުންނަށާއި، 840 ކާރު ޑްރައިވަރުންނަށް ފިޔަވަޅު އަޅާފައިވެއެވެ. އަދި އެއްގޮތަކަށްވެސް ލައިސަންސް ނެތް މީހުންގެ ތެރޭގައި 1062 ސައިކަލު ދުއްވި މީހުންނާއި 80 ކާރު ޑްރައިވަރުން ހިމެނެއެވެ.
މި މައްސަލަތައް ހައްލުކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތަފްސީލުތައްވެސް ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި މާލެއާއި ބުރިޖުމަތީގައި 2181 ޗެކްޕޮއިންޓް ގާއިމުކޮށް، 31،857 ސައިކަލާއި 3878 ކާރު ޗެކްކޮށްފައިވެއެވެ. މީގެ ތެރެއިން ގަވާއިދާ ޚިލާފުވި 27،291 ސައިކަލު ދުއްވި ފަރާތްތަކަށާއި 3،038 ކާރު ޑްރައިވަރުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.
Ads by BMLގަވާއިދާ ޚިލާފުވުމުގެ ސަަބަބުން ގިނަ އަދަދެއްގެ އުޅަނދު ވަނީ ޓޯކޮށްފައެވެ. އެގޮތުން، މަގުމަތީގެ އެކި ގަވާއިދުތަކާ ޚިލާފުވެގެން 1821 ސައިކަލާއި 267 ކާރު ޓޯކުރިއިރު، ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން 3882 ސައިކަލާއި 1899 ކާރު ވަނީ ޓޯކޮށްފައެވެ.
މިފަދަ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ ވަރަށް ހިތާމަވެރިކޮށް ފެންނަމުންދެއެވެ. އެގޮތުން، މިދިޔަ އާދިއްތަ ދުވަހު ބޮޑުތަކުރުފާނު މަގުގައި 17 އަހަރުގެ ކުއްޖަކު ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި އެ ކުއްޖާ ވަނީ މަރުވެފައެވެ. އަދި އެ ހާދިސާގައި އިތުރު ދެ މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް ދަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. 2022 ވަނަ އަހަރު 1615 އެކްސިޑެންޓް ރިޕޯޓްކުރި އިރު، 2023 ވަނަ އަހަރު އެ އަދަދު ވަނީ 2300 އަށް އަރާފައެވެ. މިކަމާ ގުޅިގެން، މަގުމަތީގައި ފުލުހުންގެ ހަރަކާތްތައް އިތުރުކޮށް، "ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާނެ" ކަމަށް ބުނެ، ފުލުހުން ސެޕްޓެންބަރު މަހު ވަނީ އާ އުސޫލެއް ތައާރަފްކޮށްފައެވެ. އެއާއެކު ކޮންމެވެސް ވަރަކަށް އެކްސިޑެންޓްތައް މަދުވި ނަމަވެސް، މައްސަލައިގެ ސީރިއަސްކަން އަދިވެސް އެ މިންވަރަށް އެބަހުއްޓެވެ.
Ads by MACL
