އޯޓިޒަމް ކުދިންގެ އެންމެހާ ކަންކަމުގައި އެމްއޭސީއެލްގެ އެހީތެރިކަން ލިބޭނެ: ސީއީއޯ ޝަރީފު
އޯޓިޒަމް ހުންނަ ކުދިންނަށް ކޮންމެ ދާއިރާއަކުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރަށް އޮތްކަމުގެ ފުރިހަމަ ޔަޤީންކަން، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުޙައްމަދު ދެއްވައިފިއެވެ.
ޝަރީފު މި ޔަޤީންކަން ދެއްވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ފަންނުވެރިކަން ދައްކުވައިދޭ "އާޓް އޮފް މައިންޑް" މައުރަޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ އޯޓިޒަމް ފަދަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެމްއޭސީއެލްގެ ދޮރުތައް އަބަދުވެސް ހުޅުވިފައިވާނެ ކަމަށާއި، އޯޓިޒަމް އެސޯސިއޭޝަނަކީ އެ ކުންފުނީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.
Ads by BML“އޯޓިޒަމް ހުންނަ ކުދިންނަށް ހުރިހާ ރޮނގަކުން އެހީތެރިވާން އެމްއޭސީއެލް އޮތީ ތައްޔާރަށް، އެގޮތުގައި ދެމި ތިބޭނަން. އެމްއެސީއެލް އަބަދުވެސް ދެމި އޮންނާނީ އޯޓިޒަމް އެސޯސިއޭޝަންގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި. މި ގުޅުން ދުވަހެއް ދުވަހެއް ދާނީ ބަދަހިވަމުން. ގޮވާލި ކޮންމެ ކަމަކަށް އިޖާބަ ދޭނަން،” ސީއީއޯ ޝަރީފު ވިދާޅުވިއެވެ.
ސީއީއޯ ޝަރީފުގެ ވާހަކަފުޅުގައި، 2010 ވަނަ އަހަރުން ފެށިގެން އިލްހާމް ހުސެއިންގެ އިސްނެންގެވުމުގެ ދަށުން އޯޓިޒަމް އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއީ ހަމައެކަނި ޤައުމީ މަސައްކަތެއް ނޫން ކަމަށާއި، އެއީ އިންސާނިއްޔަތަށްޓަކައި ކުރައްވާ އަގުހުރި އިންސާނީ ޚިދުމަތެއް ކަމަށެވެ.
އެމްއޭސީއެލް އިން އޯޓިޒަމް ކުދިންނަށް ދޭ އަހައްމިއްޔަތުކަން ހަމައެކަނި ބަހުން ހާމަކުރުމުގެ ބަދަލުގައި އަމަލުންވެސް ދަނީ ދައްކަމުންނެވެ. އެގޮތުން، މިދިޔަ އަހަރު ބޭއްވި "އާޓް އޮފް މައިންޑް" މައުރަޒުގެ ބައެއް ކުރެހުންތައް އެމްއޭސީއެލްގެ 2024 ވަނަ އަހަރުގެ ރަސްމީ ކަލަންޑަރުގައި ބޭނުންކޮށްފައިވުމަކީ އޭގެ ފާޅުކަން ބޮޑު މިސާލެކެވެ. މިކަމުގެ ސަބަބުން އެ ދަރިވަރުންގެ ފަންނީ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.
މީގެ އިތުރުން، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުނީގެ ސިޔާސަތެއްކަންވެސް ޝަރީފު ފާހަގަކުރެއްވިއެވެ.
Ads by MACL
