އަބްދުއްރަޙްމާންގެ މަރު: އެކި އޭންގަލްތަކަށް ފޯކަސްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި، އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު މި ހާދިސާގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުލުހުން އިތުރަށް ބުނީ، ތަހުގީގާ ގުޅޭ މައުލޫމާތު ހާމަކުރަމުން ގެންދާނީ، ތަހުގީގު ކުރިއަށްދާ މިންވަރަކުން، ހާމަކުރެވެން ހުރި ވަރަކަށް ކަމަށެވެ.
މި ތަހުގީގުގެ އެންމެ މުހިންމު އެއް މަސައްކަތުގެ ގޮތުގައި، އަބްދުއްރަޙްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމައި، އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން، އޭނާގެ ހަށިގަނޑު ޖުލައި 21، 2025 ވަނަ ދުވަހު އިންޑިއާގެ ތްރިވަނަންތަޕޫރަމްއަށް ފޮނުވާނެއެވެ.
Ads by BMLއުމުރުން 65 އަހަރުގެ އަބްދުއްރަޙްމާން މަރައިލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނިދާފައި އޮއްވާ، ބޮލަށް ދިން އަނިޔާވެރި ހަމަލާއަކުންނެވެ. އޭނާ މަރުވީ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުންގެ ބޮޑު ޓީމެއް މާޅޮހުގައި ހަރަކާތްތެރިވަމުން އަންނައިރު، އޭނާ ދިރިއުޅުނު ގެ، "މާހިޔާ" ކައިރި ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި ތަހުގީގަށް ބޭނުންވާ ފޮރެންސިކް ހެކި އެއްކުރުމުގެ ގޮތުން، ރަށުގެ ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް، ފައިގެ ނިޝާން އަދި އިނގިލީގެ ނިޝާންވެސް ވަނީ ނަގައިފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، ފުލުހުން ދަނީ ރަށުގެ ބައެއް ފަރާތްތަކާ ސުވާލުކޮށް، ރަށަށް އަރައި ފައިބާ މީހުން މޮނިޓަރ ކުރަމުންނެވެ.
Ads by MACL
