ހައިވޭގައި މިއަދުވެސް ނުރައްކާތެރި އެކްސިޑެންޓެއް!
ސިނަމާލެ ބްރިޖްގެ ހައިވޭގައި މިއަދު އިރުއޮއްސުނު ވަގުތު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުން ދިޔަ ކާރެއްގެ ފަހަތުން ދުއްވާފައި އައި ސައިކަލެއް އެ ކާރުގައި ޖެހި، ހަވީރު 6:15 ހާއިރުއެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ލިބޭ މައުލޫމާތުތަކަށް ބަލާއިރު، މި އެކްސިޑެންޓު ހިނގީ ސައިކަލު ކޮންޓްރޯލުން ނެއްޓި، ކުރިމަތީގައި ދުއްވަމުން ދިޔަ ކާރުގެ ފަހަތުގައި ވަރަށް ބާރަށް ޖެހިގެންނެވެ.
Ads by BMLމި ޖެހުމުގެ ސަބަބުން ސައިކަލުގައި ދަތުރުކުރި ދެ އަންހެނުންގެ ތެރެއިން އެކަކު ވަނީ ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކާރުގެ އެތެރެއަށް ވަދެފައެވެ. ހާދިސާ ހިނގި ތަނުން ނަގާފައިވާ ވީޑިއޯތަކުން، މަގުމައްޗަށް ގިނަ އަދަދެއްގެ ލޭ އޮހޮރިފައިވާތަން ފެންނާތީ، ލިބުނު އަނިޔާގެ ސީރިއަސްކަން އަންގައިދެއެވެ.
އެކްސިޑެންޓާ ގުޅިގެން، ސީރިއަސްކޮށް ޒަޚަމްވި އަންހެންމީހާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ނަމަވެސް، އޭނާގެ ޞިއްޙީ ހާލަތާ ގުޅޭ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއްވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
Ads by MACL
