ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަސްކޮއި ގްރޫޕުން ލަނޑުދީފައިވާނަމަ ފުލުހުންނަށް އަންގަން އެދެފި

މިއީ އަސްކޮއި ގްރޫޕުން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫން -- ފޮޓޯ: ޕީއެސްއެމް
މިއީ އަސްކޮއި ގްރޫޕުން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫން -- ފޮޓޯ: ޕީއެސްއެމް

އުމްރާއަށް ގެންގޮސްދިނުމުގެ ނަމުގައި "އަސްކޮއި ގްރޫޕް" އިން ފައިސާ ނަގައި ލަނޑުދީފައިވާނަމަ، އެކަން ފުލުހުންނަށް އެންގުމަށް އިލްތިމާސްކޮށްފިއެވެ. މި ގޮތަށް ފުލުހުން އެދިފައިވަނީ، މި މަހުގެ 24 ވަނަ ދުވަހު ފުރަން ހަމަޖެހިފައި އޮތް ދަތުރެއް، "ގަލްފު ހަނގުރާމައެއް" ކުރިމަތިވެގެން ކަމަށް ބުނެ ފަސްކޮށް، ގިނަ ބަޔަކަށް އޮޅުވާލާފައިވާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާކަން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ، މިކަމުގައި ޤަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މިކަމާ ގުޅިގެން ގްރޫޕުގެ ވެރިޔާ ފޯނު ނިއްވާލައިގެން ފިލައިގެން އުޅޭކަމުގެ އަޑުތައްވެސް ވަނީ މީސް މީޑިއާގައި ފެތުރިފައެވެ.

މިއީ އަސްކޮއި ގްރޫޕުން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މެއި މަހުވެސް، އުމްރާއަށް ގެންދަން ފައިސާ ނެގުމަށްފަހު އެކަން ކޮށްނުދިނުމުން އެ ގްރޫޕް 130,000 ރުފިޔާއިން ޖޫރިމަނާކޮށް، ގެއްލުންވި ފަރާތްތަކަށް ފައިސާ އަނބުރާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަމުރުކޮށްފައެވެ. 

ޙައްޖާއި ޢުމްރާގެ އަޅުކަމަށް މީހުން ގެންދިއުމުގެ ނަމުގައި އޮޅުވާލުމަކީ މީގެ ކުރިންވެސް ފެންމަތިވެފައިވާ ކަމެކެވެ. ނަމަވެސް، އިސްލާމިކް މިނިސްޓްރީން އަބަދުވެސް އިލްތިމާސްކުރަނީ ހުއްދަ ލިބިފައިވާ ޖަމާއަތްތަކާ އެކު މުއާމަލާތް ކުރުމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ސީރިއަސްކަމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އަސްކޮއި ގްރޫޕުގެ ފަރާތުން ގެއްލުމެއް ލިބިފައިވާ އިތުރު ފަރާތެއް ވާނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށެވެ. ނުވަތަ ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ވަޑައިގެން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް މައްސަލަ ހުށަހެޅުއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.