ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

‏މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ ބްރޭންޑެއް ސަރުކާރުން ތަޢާރަފުކޮށްފި

‏ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސްއޮފީސް
‏ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސްއޮފީސް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބައިނަލްއަޤްވާމީ މައިދާނުގައި ތަމްސީލުކުރުމަށް އަމާޒުކޮށް، ސަރުކާރުން "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ޤައުމީ އައު ބްރޭންޑެއް ތަޢާރަފުކޮށްފިއެވެ. އިނގިރޭސި ވިލާތުގައި ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި މި ބްރޭންޑް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މިއީ ދިވެހި މަހުގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި ޚާއްޞަ މަޤާމެއް ހޯދައިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި ބްރޭންޑްގެ ޒަރީއާއިން ދިވެހި މަސްވެރިކަމުގެ ސިނާޢަތުގެ އަގުހުރި ސިފަތަކަށް ދުނިޔޭގެ ސަމާލުކަން ލިބިގެންދާނެއެވެ. ދިވެހި މަސްދޯނީގެ ބައްޓަމާއި، ޤުދުރަތީ މުއްސަނދިކަމާއި، މަހުގެ އުފެއްދުންތައް ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ލޯގޯއިން، ދިވެހި މަސްވެރިކަމަކީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ، އަދި ދެމެހެއްޓެނިވި ސިނާޢަތެއްކަން ދައްކުވައިދެއެވެ. މީގެ އިތުރުން، ކަނޑާއި އިންސާނާއާ ދެމެދު އޮންނަ ގާތްގުޅުމާއި، ދިވެހިންގެ ސަޤާފީ އުފެއްދުންތެރިކަންވެސް މި ބްރޭންޑުން ރަމްޒުކޮށްދެއެވެ.

މި ބްރޭންޑް ތަޢާރަފުކުރުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށާއި، ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ މަންފާ އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ތަނބެކެވެ. މި މަސައްކަތުގެ ދަށުން، މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް ބަންދުކުރުމާއި، މަސް ފިނިކޮށް ރައްކާކުރުމުގެ ޤާބިލްކަން އިތުރުކުރުމަށްވެސް ބާރުއެޅިގެންދާނެއެވެ.

"ފްރޮމް މޯލްޑިވްސް" ބްރޭންޑަކީ ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ފަސޭހައިން ވަދެ، ވާދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ތައްޔާރުކުރެވިފައިވާ ވަޞީލަތެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަލަށް އުފައްދަވާފައިވާ "މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން" ގެ އުފެއްދުމެކެވެ.