އާ ޓާމިނަލް ނިންމުމަށް ކުރި މަސައްކަތުގެ %65 ނިންމީ މިސަރުކާރުން: އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓަރމިނަލް ހިންގުމަށް ގެނައުމަށް ބޭނުންވާ މުހިންމު މަސައްކަތްތަކުގެ %65 މިހާރުގެ ސަރުކާރުގެ ފުރަތަމަ ދޮޅު އަހަރުގެ ތެރޭގައި ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ. އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު، މުޖުތަބާ ލަތީފު ވިދާޅުވީ، އިމާރާތުގެ މަސައްކަތް ނިމުނު ނަމަވެސް، ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމަށް އެއްވެސް ވަރަކަށް ތައްޔާރުވެފައި ނެތް ކަމަށެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުޖުތަބާ ފާހަގަކުރެއްވި ގޮތުގައި، 2016 ވަނަ އަހަރު ބިންގާ އަޅައިގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ 8 އަހަރުވީއިރު ނިމިފައިވަނީ ގާތްގަނޑަކަށް %50 މަސައްކަތެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން މަޝްރޫއުގެ މަސައްކަތްތައް މުޅިން ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން އެންމެ ފުރަތަމަވެސް ސަމާލުކަން ދިނީ ޓަރމިނަލް ހިންގުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމުކުރުމަށެވެ. މުޖުތަބާ ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އައިއިރުވެސް ޓަރމިނަލަށް ބޭނުންވާ ކަރަންޓާއި، ފެނާއި، ފެންވަޔަރިންގ ނިޒާމު ޤާއިމުކުރެވިފައެއް ނުވެއެވެ. އަދި ޓަރމިނަލްގެ ފުރާޅުން އަންނަ ފެން ބޭރުކުރާނެ ނިޒާމެއްވެސް ހަދާފައެއް ނުވެއެވެ.
Ads by BML"ޓަރމިނަލް ފިނިކުރަނީ ފެނުން. އެކަމަށް ބޭނުންވާ ފެން އުފައްދާނެ ނުވަތަ ޓަރމިނަލާ ހަމައަށް ގެންނާނެ ގޮތެއްވެސް ނެތް. ހަމަ އެގޮތަށް ކަރަންޓުވެސް. ޓަރމިނަލް ވަށައިގެންވާ އެއްވެސް މަގެއްވެސް ހެދިފައެއް ނެތް. އެ މަސައްކަތްތައް އެއްވެސް ބަޔަކަށް އެވޯޑުކުރެވިފައެއްވެސް ނެތް. މި ހުރިހާ ކަމެއް މި ނިމުނީ 2023 ގެ ނޮވެމްބަރުގެ ފަހުން،" މުޖުތަބާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފްލައިޓުތައް ޕާކުކުރާ ރޭމްޕާއި ޓަރމިނަލް ގުޅާލާ 'ހެޑް އޮފް ސްޓޭންޑް' މަގާއި، ކޮމާޝަލް ސަރަހައްދު ތަރައްޤީކުރުން ފަދަ ކަންކަން ކުރީގެ މަޝްރޫއުގެ ތެރޭގައި ހިމަނާފައި ނުވާ ކަމަށާއި، އެކަންކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، މަސައްކަތް ހަވާލުކޮށް މިހާރު ނިންމާފައިވަނީ މި ސަރުކާރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެއަރޕޯޓަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަން ހައްލުކުރުމަށް 4 ޖަނަރޭޓަރު ގެނެސް އޮޕަރޭޝަނަށް ގެނައުމާއި، ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ އިތުރުން، ފިޔުލް ފަރމް، ފަޔަރ ބިލްޑިންގ އަދި ކާގޯ ބިލްޑިންގ ފަދަ މުހިންމު އިމާރާތްތަކުގެ މަސައްކަތްވެސް ނިންމާލެވިފައިވަނީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ.
Ads by MACL
