ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ މޫސުން ގޯސްވެ، ދެކުނާއި މެދުރާއްޖެތެރެއާއި އުތުރަށް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ، ދެކުނާއި މެދުރާއްޖެތެރެއާއި އުތުރަށް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ، ދެކުނާއި މެދުރާއްޖެތެރެއާއި އުތުރަށް އެލާޓް ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، އެކި ދަރަޖައިގެ އެލާޓްތައް ނެރެފައެވެ.

މިއެލާޓްތައް ނެރެފައިމިވަނީ، ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު ރާއްޖެއަށް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މެޓް އޮފީހުން ކުރިން ލަފާކޮށްފައިވާ ގޮތުން، އިއްޔެއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ވައިގަދަވާނެއެވެ.

މި ވިއްސާރައިގެ އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވޭ މެދުރާއްޖެތެރެއިން ފެށިގެން އުތުރުގެ އަތޮޅުތަކަށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 9:30 އާ ހަމައަށް ޔެލޯ އެލާޓެއް ނެރެފައެވެ. މި ސަރަހައްދަށް ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭވެހުމާއެކު ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށްވެސް މޫސުމުގެ އަސަރު ފޯރާނެތީ، ހެނދުނު 07:00 އިން ފެށިގެން 11:00 ގެ ނިޔަލަށް ވައިޓް އެލާޓެއް ވަނީ ނެރެފައެވެ.

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް ނެރެފައިވާ މި އެލާޓްގައި ބުނެފައިވާ ގޮތުން، އެ ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.

މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ހުރިހާ ފަރާތްތަކުން، އަދި ވަކިން ޚާއްޞަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި، ދަތުރުތައް ރޭވުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ދަތުރަށް ފެށުމުގެ ކުރިން އުޅަނދުގައި ލައިފްޖެކެޓާއި މުއާޞަލާތީ ނިޒާމް ފަދަ ސަލާމަތީ އާލާތްތައް ހުރީ ރަނގަޅަށްތޯ ބެލުމަކީ މިފަދަ ވަގުތުތަކުގައި ނުހަނު މުހިންމު ކަމެކެވެ.