ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތަޙްޤީޤަށް ހިފެހެއްޓި އަބްދުއްރަހްމާން އަންހެނުންގެ ފޯނު ފުލުހުން ދޫކޮށްލައިފި

އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހްމާން ދިރިއުޅުނު ގެ ކައިރި ފުލުހުން ބަންދުކޮށްފައި -- ފޮޓޯ: އަދަދު
އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހްމާން ދިރިއުޅުނު ގެ ކައިރި ފުލުހުން ބަންދުކޮށްފައި -- ފޮޓޯ: އަދަދު

އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމް، 65، ގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހިފެހެއްޓި އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު، ފުލުހުން އަނބުރާ ހަވާލުކޮށްފި އެވެ.

ނާޒިމާގެ ފޯނު އަނބުރާ ލިބިފައިވާކަން އޭނާ އާއި އަބްދުއްރަހްމާންގެ ދަރިފުޅު، އަހުމަދު ނިމާލް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނިމާލް ބުނީ، ފުލުހުން ބުނި ގޮތުގައި ފޯނު ހިފެހެއްޓީ "ބައްޕަ މަރުވި ރޭގެ ޑޭޓާ ނަގަން" ށެވެ. އެނޫން އިތުރު އެއްވެސް އެއްޗެއް ފުލުހުން ނުބުނާ ކަމަށް އޭނާބުނެއެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުންގެ ތަހުގީގު ޓީމުތައް ދަނީ މާޅޮހުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން، އަބްދުއްރަހްމާން ދިރިއުޅުނު ގެ، މާހިޔާ، ހިމެނޭ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އަދި ރަށުގެ ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް، އިނގިލީގެ ނިޝާން އަދި ފައިގެ ނިޝާން ފަދަ ފޮރެންސިކް ހެކިތައް ނަގާފައިވެ އެވެ. މީގެ އިތުރުން، އޭނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ހަގީގަތް ހޯދުމަށްޓަކައި އެކި އޭންގަލްތަކަށް ބަލައި، މަރުހޫމުގެ އާއިލާ އާއި ގާތް ފަރާތްތަކާ ސުވާލުކޮށް، އެ މީހުންގެ އެއްބާރުލުމާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގުގެ ވަކިވަކި ކަންކަމުގެ މައުލޫމާތު ދިނުމުގެ ބަދަލުގައި، ތަހުގީގަށް ލިބޭ ކުރިއެރުމަކާ ގުޅިގެން މައުލޫމާތު ހާމަކުރަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.