ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާ ޓާމިނަލް ހުޅުވޭ ދުވަހަކީ ދެވަނައަށް އެންމެ އުފާވާނެ ދުވަސް: ސީއީއޯ ޝަރީފް

 ޓީީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ: އެމްއޭސީއެލް
ޓީީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ: އެމްއޭސީއެލް

ފުރަތަމަ ދަރިފުޅު ލިބުނު ދުވަހަށްފަހު، އެންމެ އުފާވާނެ ދުވަހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވިގެންދާ ދުވަސް ކަމަށާއި، އެ މަޝްރޫއުގެ ސަބަބުން ރާއްޖެއަށާއި ދިވެހިންނަށް ލިބިގެންދާނެ ފައިދާތައް ތަސައްވުރު ކުރުމުން އުފަލުން ލޮލުން ކަރުނަ އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް"ގެ "ހޭޔަންބޯ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ޒަމާނީ ފެންވަރަށް ތަރައްގީކުރާ އާ ޓާމިނަލަކީ ރާއްޖޭގެ އިގްތިސާދުގެ މައި ދޮރާއްޓަށް ގެނެވޭނެ އިންގިލާބީ ކުރިއެރުމެއް ކަމަށެވެ. އަދި އެއީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް އެކަނި ނޫން ކަމަށާއި، ވައިގެ ދަތުރުފަތުރު ބޭނުންކުރާ 95 އިންސައްތަ ދިވެހިންނަށް ވެސް އޭގެ ސީދާ މަންފާ ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ކުރީ ސަރުކާރުތަކުން ފެށި މަސައްކަތެއް ކަމުގައި ވީނަމަވެސް، މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެއަށް އަލުން ދިރުން ގެނެސް، މިއަދު ފެންނަ ފުރިހަމަ ޓާމިނަލްގެ އަސްލު މޭސްތިރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

"މިކަމުގެ މޭސްތިރިއަކީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ. އެކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވަން. މިކަން ކާމިޔާބުވުމުން ރާއްޖޭގެ އިގްތިސާދަށާއި، އެންމެންނަށް ލިބޭނެ ފައިދާ ހިތަށް އަރުވާލުމުން އަޅުގަނޑު ލޮލުން ކަރުނަ އަންނަހާ ފޮނި އިހުސާސެއް މިއީ،" ޝަރީފް ވިދާޅުވިއެވެ.

މި ސަރުކާރުން އެމްއޭސީއެލްއާ ހަވާލުވިއިރު، އާ ޓާމިނަލްގެ މަސައްކަތް ނިމިފައިވަނީ އެންމެ 54 އިންސައްތަ ކަމަށާއި، އެއީ ހަމައެކަނި "ވަށާފާރާއި ފުރާޅުގެ މަސައްކަތް" ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވިކަން ފާހަގަކޮށްލެވެއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ޓާމިނަލްގެ އިމާރާތް އެކަނި ހުރުމަކުން އެއީ ބޭނުންކުރެވޭނެ ތަނަކަށް ނުވާނެ ކަމަށާއި، އެތަން ހިންގުމަށް ބޭނުންވާ ކަރަންޓު އުފައްދާނެ ނިޒާމެއްވެސް އަދި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ގާއިމުކޮށްފައި ނެތް ކަމަށެވެ. އަދި އެއާޕޯޓަށް އަންނަ ފްލައިޓްތައް ޕާކްކުރާނެ ހެޑް އޮފް ސްޓޭންޑް މަގު ފަދަ މުހިންމު ވަސީލަތްތައް ވެސް ކުރީގެ ޕްލޭންގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެއާޕޯޓާ ހަވާލުވިއިރު، މިވަރުގެ ބޮޑު ޓާމިނަލެއް އޮޕަރޭޓް ކުރެވޭ ވަރަށް ކަރަންޓު ކެޕޭސިޓީއެއް ނެތް. އަޅުގަނޑުމެން އެހެރީ އަލަށް ކަރަންޓު ޖެނެރޭޓްކޮށް، މުޅި ރަށަށް ފޯރުކޮށްދޭނެ ވިއުގައެއް ގާއިމުކޮށްފައި،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ކޮށްފައިވާ އަސާސީ މަސައްކަތްތައް ނުކޮށް ޓާމިނަލް ހުޅުވިނަމަ، އެއީ އޮޕަރޭޝަނަށް ގެނެވޭނެ ތަނަކަށް ނުވީހެވެ. އެހެންކަމުން، ގިނަ ގޮންޖެހުންތަކަކާއެކު މިހާރު ޓާމިނަލް ހުޅުވުމަށް ތައްޔާރުވެފައިވާއިރު، އެއާ ގުޅިގެން ހަދަންޖެހޭ މަގުތަކުގެ މަސައްކަތް ވެސް އެމްއޭސީއެލްއިން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.