ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫއަށް 36 މިލިއަން ޑޮލަރު، 2 ބުރިއަށް 27 އިދާރާ، ރިޔާސީ ވަައުދު ރަނުން ރަނަށް!

ރައީސުލް ޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒު އަދި މިނިސްޓަރ އާދަމް ޝަރީފް އުމަރު
ރައީސުލް ޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒު އަދި މިނިސްޓަރ އާދަމް ޝަރީފް އުމަރު

މިއީ ރާއްޖޭގެ އަތޮޅު ތެރޭގައި ގާއިމް ކޮށްފައިވާ ކައުންސިލް އިދާރާތަކުގެ ހާލަތު ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅު ތެރޭގައި ހިމެނޭ ބޮޑު މަޝްރޫއެއް ފެށިގެން ދިއުމާއި ގުޅިގެން މިނިސްޓަރ އޮފް ސިޓީޒް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު މިކަމުގައި އުފަލުގައި ލިޔުއްވާފައިވާ ލިޔުމެކެވެ.


މިނިސްޓަރ އާދަމް ޝަރީފް އުމަރު



‏މިއަދަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޙަޔާތުގައި ވަރަށް އުފާވެރި، ލާމަރުކަޒީ ނިޒާމުގައި މުޅިން އައު ޞަފުޙާއެއް ލިޔަން ފެށޭނެ ދުވަހެކެވެ. ‏މާކަނޑުގެ މެދުގައި، ނޫކުލައިގެ ސާލެއްގެ މަތީގައި ‏ފެހިކުލައިގެ މުތީތަކުން ގަތާލެވިފައިވާ ހާރެއްފަދަ ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކައުންސިލް އިދާރާތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބިނާ ކުރުމުގެ މަޝްރޫޢުގެ އެގްރީމަންޓްގައި ސޮއި ކުރެވުނު އުފާވެރި ދުވަހެވެ.

ބޮލަށް ވެއްޓޭވަރު ވެފައިހުރި ކައުންސިލް އިދާރާތަކުގެ ބަދަލުގައި އައު ކައުންސިލް އިދާރާތަކެއް ބިނާކުރުމުގެ މަޝްރޫޢުގެ އެގްރީމަންޓްގައި ސޮއި ކުރެވުނު ތާރީޚީ ދުވަހެވެ. ‏އާދެ! ކައުންސިލް އިދާރާތަކެއް ބިނާކުރުމުގެ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ސަރުކާރުން ހިންގާ މަޝްރޫޢެކެވެ.

ކައުންސިލްތައް ޢުމްރާނީގޮތުން ތަރައްޤީކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދު ‏ފުއްދަވާނެކަން މިއަދު ހާމަވެއްޖެއެވެ. ‏މިފަދަ މުހިންމު މަޝްރޫޢެއް ފެށޭނެ ‏މަގުފަހިކޮށްދެއްވިކަމަށްޓަކައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ހުރިހާ މުވައްޒަފުންނާއި ހުރިހާ ކައުންސިލްތަކުގެ ހުރިހާމުވައްޒަފުންގެ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވައި ޝުކުރު އަރިސްކުރަމެވެ. ‏ކައުންސިލް އިދާރާތައް ބިނާކުރުމުގެ މި މަޝްރޫޢުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅު ރާއްޖޭގެ ތާރީޚުގައި، ލާމަރުކަޒީ ނިޒާމުގެ ޞަފުޙާތަކުގައި ‏ރަންއަކުރުން ލިޔެވޭނެއެވެ.

‏އާދެ! މިއަދު ސޮއި ކުރެވުނު އެގްރީމަންޓްގެ ދަށުން 55 ކައުންސިލް އިދާރާ ފަރުނީޗަރާއެކު ޤާއިމުކުރެވޭނެއެވެ. މީގެތެރޭގައި ދެ ބުރިއަށް ޢިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނެއެވެ. ދެ ބުރިއަށް އިމާރާތްކުރާ ކައުންސިލް އިދާރާތައް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެތެރޭގައި އަދި އެއް ބުރީގެ ޢިމާރާތްތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެތެރޭގައި ނިންމޭނެކަމަށް އުންމީދު ކުރެވެއެވެ.

މިއީ 36 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. ‏މިއަދު މި ސޮއިކުރެވޭ ކުރެވޭ 55 ކައުންސިލްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު 50 ކައުންސިލް އިދާރާ އެޅުއްވުމުގެ މަޝްރޫޢެއް އިޢުލާނު ކުރައްވާފައެވެ. ޗައިނާގެ އެހީގައި އަޅުއްވާ އެ ކައުންސިލް އިދާރާތަކުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެއެވެ.

މި ދެ މަޝްރޫޢު ނިމޭއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގެ ކައުންސިލް އިދާރާތަކުގެ 71 އިންސައްތަ މުޅިން އައު ކުރެވޭނެއެވެ ‏އާދެ! ކައުންސިލް އިދާރާތައް ބިނާކުރުމުގެ މި މަޝްރޫޢުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލަރުންނަށް މަސައްކަތް ކުރެވޭނެ މާޙައުލެއް އުފެދިގެންދާނެއެވެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ‏ކައުންސިލްތަކަށް މަގުފަހިވެގެންދާނެއެވެ. ‏އާދެ! އަޅުގަނޑު އެދެނީ ލާމަރުކަޒީ ނިޒާމަށް އުޖާލާކަމާއި ކުރިއެރުމެވެ. ދިވެހި ޤައުމަށް ރޯޝަނީ މުސްތަޤުބަލެކެވެ. އާމީން!