ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފޭރުމުގެ މައްސަލައެއް ބެލުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީފި

ފޭރުމުގެ މައްސަލައެއް ބެލުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީފި

މާލޭގައި ތޫނު އެއްޗެއް ދައްކައި ބިރުދައްކައިގެން މީހެއްގެ އެކައުންޓުން ފައިސާ ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރުމާއި ގުޅިގެން ހަރަކާތްތެރިވި ފުލުހުންނަށް ހުރަސްއަޅައި ހަމަލާދިން ދެމީހަކު ހައްޔަރުކޮށް، ކޯޓު އަމުރަކުން 5 ދުވަހަށް ބަންދުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ މާލޭގެ ހ. ލޮނުޒިޔާރަތްމަގު ސަރަހައްދުގައެވެ.

ފުލުހުންނަށް ރިޕޯޓުކުރެވިފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ރޭ 23:57 ހާއިރު މާލޭގެ ހ. ލޮނުޒިޔާރަތްމަގު ސަރަހައްދުގައި މީހަކަށް ތޫނު އެއްޗެއް ދައްކައި ބިރުދައްކައި، އެހެން ތަނަކަށް ވައްދައި، އޭނާގެ އެކައުންޓުގައި ހުރި 200 ރުފިޔާ ވަނީ ޓްރާންސްފަރ ކުރުވާފައެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، މިކަމުގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ ދެމީހަކު އެ ސަރަހައްދުގެ ގެއެއްގައި ތިބިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެ މައުލޫމާތާ ގުޅިގެން އެ ގެއަށް ވަނުމަށް ފުލުހުން މަސައްކަތް ކުރުމުން، ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ ސަބަބުން، ބާރުގެ ބޭނުންކޮށް، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ފަރީސާ މަންޒިލް، ހަސަން ލުޖައިން މުހައްމަދު (23 އަހަރު) އާއި މާލޭ، ހ. ކަނޑުފިނިގޭ، މުހައްމަދު ޝަފީއު (55 އަހަރު) އެވެ. އެމީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އެމީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުންގެ މީހަކަށްވެސް ވަނީ އަނިޔާވެފައެވެ. އަނިޔާވުމާ ގުޅިގެން ހައްޔަރުކުރި މީހުންނަށާއި ފުލުސް އޮފިސަރަށް ވަނީ ފަރުވާ ދީފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ފޭރުމުގެ މައްސަލައާއި ފުލުހުންނަށް ހަމަލާދީ ވާޖިބު އަދާކުރުމަށް ހުރަސް އެޅި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.