ފަރުވާކުޑަކޮށް ދުއްވުން ޖިނާއީ ކުށަކަށް ހަދަނީ: ގާނޫނުލްއުގޫބާތަށް މުހިންމު އިސްލާހެއް
ފަރުވާކުޑަކޮށް ވެހިކަލް ދުއްވުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް މުހިންމު އިސްލާހެއް ހުށަހަޅައިފިއެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި ބާރު ސްޕީޑުގައި ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް ވަނީ އާންމު ކަމަކަށް ވެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ވެސް މާލެ، ހުޅުމާލެ އަދި ސިނަމާލެ ބްރިޖާއި ހައިވޭގައި 1,101 އެކްސިޑެންޓު ހިނގާފައިވެއެވެ. އޭގެ ތެރެއިން 61 އެކްސިޑެންޓަކީ މީހުންނަށް ސީރިއަސް އަނިޔާތައް ލިބުނު ހާދިސާތަކެކެވެ. މިފަދަ އެކްސިޑެންޓުތަކުގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް އާއިލާއެއް ވަނީ ހިތާމައިގެ ތެރެއަށް ވެއްޓިފައެވެ.
Ads by BMLމި ނުރައްކާތެރި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މަގުމަތި ބޭނުންކުރާ އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އުޅަނދު ދުއްވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމްއެވެ. މި އިސްލާހުގެ މައިގަނޑު ބޭނުމަކީ، ފަރުވާކުޑަ ޑްރައިވަރުންގެ އަމަލުތަކަށް ޖިނާއީ ގޮތުން ޒިންމާ ނަގަންޖެހޭނެ ގޮތް ހެދުމެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގައި "ފަރުވާލެއް ނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން" މިއީ ކުށެއް ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެ މާއްދާގައި ހިމަނާފައިވަނީ ގޮވާ ތަކެތި ބޭނުންކުރުން، ނުރައްކާތެރި ކެމިކަލްތަކާއި މެޝިނަރީ ގެންގުޅުން، އަދި އިމާރާތް ތަޅައި ގަސް ކެނޑުން ފަދަ ކަންކަމެވެ. އެއާއެކު، މަގުމަތީގެ ގަވާއިދާ ޚިލާފަށް ދުއްވައިގެން ހިނގާ އެކްސިޑެންޓުތަކުގައި، ދުއްވާ ފަރާތްތަކާ މެދު ޖިނާއީ ދައުވާކުރުމަށް ގާނޫނީ ހުސްކަމެއް އޮންނަކަން ފާހަގަކުރެވެއެވެ.
މެމްބަރު މީކާއީލް ހުށަހަޅުއްވާފައިވާ އިސްލާހުގައި، މި މާއްދާއަށް އާ ނަންބަރެއް އިތުރުކޮށް، "ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާ މެދު ފަރުވާލެއްނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުން" މި ކުށް ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.
މި އިސްލާހުގެ މައިގަނޑު މަގްސަދަކީ، މަގުމަތީގައި ދުއްވާއިރު ސްޕީޑު ކޮންޓްރޯލް ނުކުރުން، އިމާޖެންސީގައި ބްރޭކް ނުކުރެވޭހާ ގާތުން ދުއްވުން، އަދި އެހެނިހެން ގަވާއިދުތަކަށް ފަރުވާކުޑަކުރުން ފަދަ އަމަލުތަކުގެ ސަބަބުން ހިނގާ އެކްސިޑެންޓުތަކުގެ ޝިކާރައަށްވާ ފަރާތްތަކަށާއި އެމީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހު ފާސްވެގެން ދިއުމުން، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މަގުފަހިވެ، އެކްސިޑެންޓުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ޒިންމާ ކުށްވެރިން އުފުލަންޖެހޭނެއެވެ.
މި އިސްލާހު ފާސްވެއްޖެނަމަ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.
Ads by MACL
