ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފްލެޓް ހޯދުމަށް، ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯތި ދޫކޮށްލަން ނުޖެހޭގޮތް ހަދައިފި

'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ބައެއް ޓަވަރުތައް -- ފޮޓޯ: ދައުރު
'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ބައެއް ޓަވަރުތައް -- ފޮޓޯ: ދައުރު

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ނަމަވެސް، ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަންޖެހޭނެ ކަމަށް އޮތް އޮތުން ސަރުކާރުން ބާތިލްކޮށްފިއެވެ.

މީގެ ކުރިން ހައުސިން މިނިސްޓްރީން ކަނޑައަޅާފައި އޮތީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓަށް ހޮވޭ ފަރާތްތަކުގެ ތެރެއިން، ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ، އެ ގޯތި ދޫކޮށްލުމަށް އެއްބަސްވުމަކީ ފްލެޓް ލިބުމުގެ ޝަރުތެއް ކަމަށެވެ.

ނަމަވެސް، އެ މިނިސްޓްރީން މިރޭ ގެޒެޓްގައި ކުރި އިއުލާނެއްގައި ވަނީ އެ އުސޫލު ބަދަލުކޮށްފައެވެ. އެގޮތުން، މި ބަދަލު ގެނައީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއި، ބިންވެރިޔާ ސްކީމުގެ ދަށުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ފޭސް-3 އާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާތީއެވެ. އަދި ހިއްކި ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެވޭނެ ފެންވަރަށް ތަރައްގީކުރުމަށް ވަގުތު ނަގާނެތީ، ކުރީގެ އިއުލާނަށް އަމަލުނުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ބުނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިއުލާން ކުރި ދާއިމީ ލިސްޓާ ގުޅިގެން ފްލެޓް ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން، ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކަށް ޝަރުތު ހަމަނުވާ ކަމުގެ ލިޔުމެއް މިހާތަނަށް ފޮނުވާފައި ނުވާނެ ކަމަށެވެ.

މި ބަދަލާއެކު، އެއް ބައިވެރިއަކަށް ގޯތި ލިބި، އަނެއް ބައިވެރިއަކަށް ފްލެޓް ލިބިފައިވާ އާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.