ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޕާރސަނޭޝަން ސްކޭމެއް. އިތުބާރުކުރުމުގެ ކުރިން ކާކުކަން ޔަގީންކޮށްލާ!

ފޮޓޯ/ ސޯޝަލް މީޑިއާ
ފޮޓޯ/ ސޯޝަލް މީޑިއާ

ވައިބަރގައި އެކިފަރާތްތަކުގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން އެކައުންޓްތައް ހަދައިގެން އިންޕާރސަނޭޝަން ސްކޭމް ހިންގަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެންޓި ސްކޭމް ސެންޓަރއަށް ވަނީ ފާހަގަވެފައެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެންޓި ސްކޭމް ސެންޓަރ އިން މިއަދު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި މިފަދަ މައްސަލަތައް އިތުރުވަމުންދާކަމަށްވަނީ ބުނެފައެވެ. އަދި މިފަދަ އެކައުންޓުތަކުން އާންމުކޮށް ޒާތީ މަޢުލޫމާތުތައް ނުވަތަ ފައިސާ ފޮނުވުމަށް އެދެމުންދާކަމަށްވެސްވަނީ ބުނެފައެވެ.

މިފަދަ ފަރާތްތަކާއި މެދު ސަމާލުވުމަށާއި އަދި މިފަދަ އެކައުންޓެއް ހަދައިފިކަން އިނގޭނަމަ ވަގުތުން ބްލޮކްކުރުމަށާއި ވައިބަރ ސަޕޯޓަށް ރިޕޯޓު ކުރުމަށްވަނީ ބުނެފައެވެ. އަދި އެ އެކައުންޓުގެ މައުލޫމާތު، ފޯނު ނަންބަރާއި ސްކްރީންޝޮޓް ހިއްސާކުރުމަށްވެސް ވަނީ ބުނެފައެވެ. ހަމަމިއާއެކު ރައްޓެއްސެއް ނުވަތަ އާއިލާގެ ފަރާތެއްގެ އެކައުންޓުކަމުގައިވިޔަސް، އެއްވެސް ހާލެއްގައި އޯޓީޕީ، ބޭންކު މައުލޫމާތު، ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި ފައިސާ ފޮނުވުމަށް އެދެފިނަމަ، ގުޅައި ޔަގީންކުރުމަށްވެސް މި ޕޯސްޓުގައި ބުނެފައިވެއެވެ.

މިއީ މި ފަހަކަށް އައިސް ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. އެކި ކަހަލަ ސްކޭމްތަކާއި ފްރޯޑްތަކަށް އަބަދުވެސް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެންޓި ސްކޭމް ސެންޓަރ އިން ގޮވާލައެެވެ.