ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަންދީ، ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް މައްސަލަ ސާބިތުވެއްޖެ

މަންދީ، ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް މައްސަލަ ސާބިތުވެއްޖެ

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް، އެމްޑީޕީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ސިވިލް ކޯޓުގައި މިއަދު ސާބިތުވެއްޖެއެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދެވެ.

މި ދައުވާގެ އަސްލަކީ، މިދިޔަ މާޗް މަހު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރައްވާތީ ކަމަށް ތުހުމަތުކޮށް މަންދީ ދެއްކެވި ވާހަކައެކެވެ.

ސިވިލް ކޯޓުން މިއަދު ކުރި ޙުކުމުގައި، މަންދީ ދެއްކެވި ވާހަކައިގެ ސަބަބުން ރައީސްގެ ދަރިކަލުންގެ ކަރާމާތަށް ގެއްލުންވެފައިވާކަން ސާބިތުވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، މި މައްސަލައިގައި އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ޒިންމާވާންޖެހޭ ކަމަށް ޝަރީއަތަށް ސާބިތު ވެފައެއް ނުވެއެވެ.

ޙުކުމުގައި އިތުރަށް ބުނެފައިވަނީ، މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ޙައްޤު ރައީސްގެ ދަރިކަލުންނަށް ލިބިގެންވާ ކަމަށެވެ. އަދި، މަންދީއަށް މާފަށް އެދުމަށް އަމުރުކޮށްދިނުމަށް ސާޖިދާގެ ފަރާތުން އެދުނު ނަމަވެސް، އެފަދަ އަމުރެއް ކުރުމުގެ ޤާނޫނީ ހަމައެއް ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅުއްވަމުން، ރައީސްގެ އާއިލާގެ ފަރާތުން ވިދާޅުވެފައިވަނީ، އެފަދަ ވާހަކަތަކުގެ ސަބަބުން ދަރިކަލުންގެ ތަޢުލީމީ ޙަޔާތަށާއި، އިޖުތިމާޢީ ގޮތުން ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކޮށް، މުސްތަޤުބަލަށްވެސް ހިޔަނި އެޅިދާނެ ކަމަށެވެ. އަދި ދަރިކަލުންގެ ރައްކާތެރިކަމާމެދުވެސް ކަންބޮޑުވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ސާޖިދާގެ ފަރާތުން މަންދީގެ އިތުރުން އެމްޑީޕީއަށާއި ފައްޔާޒަށްވެސް ދައުވާ ކުރެއްވިއެވެ. އެމްޑީޕީއަށް ދައުވާކުރީ، މަންދީ އެ ވާހަކަ ދެއްކެވީ އެ ޕާޓީގެ ސިލްސިލާ މުޒާހަރާއެއްގެ ތެރެއިން ކަމަށްވާތީއެވެ. ފައްޔާޒުގެ މައްޗަށް ދައުވާކުރީ އެ މައްސަލައާ ގުޅޭގޮތުން އޭނާ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.