ޓާމިނަލް ހުޅުވުން ވަރަށް ކުލަގަދަ ވާނެ، ހަވާ އެރުވުން މާ ބޮޑަށް ވެސް ތަފާތު ވާނެ!
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަވާނެ ކަމަށާއި، 'ހަވާ އެރުވުން' ވެސް މުޅިން ތަފާތުވާނެ ކަމުގެ އިޝާރާތެއް ލިބިއްޖެއެވެ.
އެ ރަސްމިއްޔާތަށްޓަކައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ދޮޅުގަޑިއިރަށް އެއާޕޯޓުގެ ވައިގެ ސަރަހައްދު އެއްކޮށް ބަންދުކުރަން ވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ނިންމާފައެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު "ޖީލަށް" މައުލޫމާތު ދިން ގޮތުގައި، އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 އިން 10:00 އަށް ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުކުރާނެއެވެ. މިއީ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތާ ގުޅިގެން އަޅާ ފިޔަވަޅެކެވެ.
Ads by BMLއޮފިޝަލް ވިދާޅުވި ގޮތުގައި، ރަސްމިއްޔާތު ބާއްވަން އެ ވަގުތު ހަމަޖެއްސީ އާންމުކޮށް ބައިނަލްއަގުވާމީ ގިނަ ފްލައިޓުތަކެއް ރާއްޖެއަށް ޖައްސާ ގަޑިއަކަށް ނުވާތީއެވެ. ނަމަވެސް، މިއީ ވަރަށް ބޮޑު ރަސްމިއްޔާތަކަށް ވާތީ ރައްކާތެރިކަމުގެ ގޮތުން ނޮޓަމްއެއް ނެރެ، އެކަން ރަސްމީކޮށް އަންގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވައިގެ ސަރަހައްދު އެ ވަގުތުކޮޅަށް ބަންދުކުރި ނަމަވެސް، އެއާޕޯޓުގެ އެހެނިހެން އާންމު އޮޕަރޭޝަންތަކާއި ދަތުރުވެރިންނަށް ދޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ދެއެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަޝްރޫއުއަކީ 2016 ވަނަ އަހަރުގެ މެއި މަހު ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ. އެ ކުންފުނިން މި މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްގެންނެވެ. ފުރަތަމަ 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ޚަރަދުވާނެ ކަމަށް ލަފާކުރި ނަމަވެސް، މިހާރު ޚަރަދު 457 މިލިއަން ޑޮލަރަށް (7 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ބެލެވެއެވެ.
މި އާ ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. މިތަނުގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރުގެ އިތުރުން، ފަސިންޖަރުން ފްލައިޓަށް އަރާ ފޭބުމަށް ފަސޭހަވާނެހެން ޒަމާނީ އެއިރޯ ބްރިޖުތައްވެސް ގާއިމްކޮށްފައިވެއެވެ.
Ads by MACL
