ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޅިވަރުގެ ދާއިރާއިން ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް

ކުޅިވަރުގެ ދާއިރާއިން ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް

ދިވެހިރާއްޖެއާއި ޗައިނާގެ ފުޖިއާން ޕްރޮވިންސާ ދެމެދު ކުޅިވަރުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެ ޕްރޮވިންސުން ރާއްޖެއަށް އިތުރު ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ފުޖިއާން ޕްރޮވިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ޕްރޮވިންސްގެ ވައިސް ގަވަރުނަރު ވެއި ޝިއައޮކުއި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ރާފިޢު ވަނީ ފުޖިއާން ޕްރޮވިންސުން ރާއްޖޭގެ ކުޅިވަރަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިގޮތުން، މިހާރު ހަދިޔާކުރި ސާމާނުގެ އިތުރުން، މީގެ ކުރިން ޗައިނާގެ އެހީގައި ވޮލީބޯޅަ ކޯޗުން ތަމްރީނުކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ބާސްކެޓް ކުޅުންތެރިންނާއި ކޯޗުން ތަމްރީނުކުރުމަށާއި، ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ދިވެހިންނަށް ފުރުސަތުތައް ހޯއްދަވައިދެއްވި ކަމަށްޓަކައި ވަޒީރު ޗައިނާ ސަރުކާރަށް ޝުކުރު ދެންނެވިއެވެ.

ފުޖިއާން ޕްރޮވިންސުން އަލަށް ހަދިޔާކުރި ސާމާނުގެ ތެރޭގައި ޓޭބަލް ޓެނިސް މޭޒާއި، ޖޯޒީ ފަދަ ތަކެތި ހިމެނެއެވެ. މިއީ މިއަހަރުގެ ތެރޭގައި އެ ޕްރޮވިންސުން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މިއަހަރު ހަދިޔާކުރި އެތުލެޓިކްސް، ޓޭބަލް ޓެނިސް އަދި ފުޓުބޯޅައާ ގުޅުންހުރި ސާމާނުގެ ތެރެއިން ބައެއް ތަކެތި މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ބޭނުންކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެއެވެ.

ރާއްޖެއާއި ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރޯއާ ދެމެދު މިދިޔަ ފެބުރުއަރީ މަހު ވަނީ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގެ ދަށުން، ދެ ޤައުމު ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ކޯޗުން އަދި ރެފްރީން ފަދަ ޓެކްނިކަލް އޮފިޝަލުން ބިނާކުރުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، ދިވެހި ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބައެކެވެ.

މި ގުޅުން ބަދަހިވެފައި ވަނީ ދެ ޤައުމުގެ އިސްވެރިންގެ ފެންވަރުގައި ބޭއްވި ބައްދަލުވުންތަކާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފުޖިއާން ޕްރޮވިންސަށް ޒިޔާރަތްކުރެއްވިއެވެ.

އޭގެ ފަހުން މިއަހަރުގެ ކުރީކޮޅު ކުޅިވަރާ ބެހޭ ވަޒީރު ރާފިޢުވެސް ވަނީ އެ ޕްރޮވިންސަށް ވަޑައިގެން، ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެ ދަތުރުފުޅުގައި ފުޖިއާން ޕްރޮވިންސްގެ ގަވަރުނަރު ވަނީ ރާއްޖޭގެ ކުޅިވަރު ފެސިލިޓީތަކަށް ބޭނުންވާ ސާމާނު ހޯދުމަށާއި، މީހުން ބިނާކުރުމަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.