އެސް.ޑީ.އެފް.ސީގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބީއެމްއެލްއަށް ވިއްކައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)ގައިވާ ސަރުކާރުގެ ޙިއްސާ، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބަދަލާއެކު އެސް.ޑީ.އެފް.ސީ.ގެ ޚިދުމަތްތައް ޝަރީޢާގެ ހަމަތަކުގެ މަތިން ހިންގާ ޒަމާނީ ޑިޖިޓަލް ބޭންކަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން މި ނިންމުން ނިންމެވީ، ބީއެމްއެލްއިން ހުށަހެޅި ޕްރޮޕޯސަލާއި، މި މުޢާމަލާތުން ޤައުމީ އިޤްތިޞާދަށާއި، ވިޔަފާރިތަކަށް ލިބިގެންދާނެ ފައިދާތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ތައްޔާރުކުރި ދިރާސާއަށް ރިޢާޔަތް ކުރުމަށްފަހުއެވެ. މިކަމުގެ މައިގަނޑު އަމާޒަކީ އެސް.އެމް.އީތަކަށް ދެމެހެއްޓެނިވި އަދި ހުއްޓުމެއްނެތް ގޮތެއްގައި ލޯނު ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމުކޮށް، ބީ.އެމް.އެލް.ގެ މާލީ ޤާބިލުކަމާއި ތަޖުރިބާގެ އަލީގައި އެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމެވެ.
ބީއެމްއެލްގެ ޕްރޮޕޯސަލްގައިވާ ގޮތުން، އެ ބޭންކުން ވަނީ އެސްއެމްއީ ދާއިރާއަށް ބޮޑު މާލީ އިންޖެކްޝަނެއް ދިނުމަށް ވަޢުދުވެފައެވެ. އެގޮތުން، ޙިއްސާ ބަދަލުވުމަށްފަހު ފުރަތަމަ އަހަރުގެ ތެރޭގައި 500 މިލިއަން ރުފިޔާ، އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޖުމްލަ 1.9 ބިލިއަން ރުފިޔާގެ ލޯނު ވިޔަފާރިތަކަށް ދޫކުރާނެއެވެ. މީގެ އިތުރުން، ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާގެ ޚާއްޞަ ލޯނު ސްކީމެއްވެސް ތަޢާރަފްކުރާނެއެވެ.
Ads by BMLމި ބަދަލާއެކު އެސް.ޑީ.އެފް.ސީ.ގެ ހިންގުން އެކީގައި ޑިޖިޓަލްކޮށް، ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ ބީއެމްއެލްގެ އަމާޒެކެވެ. މީގެ ސަބަބުން ލޯނުތައް ޕްރޮސެސްކުރުން އަވަސްވެ، މެނުއަލް މަސައްކަތްތައް ނައްތާލެވި، ކުންފުނީގެ އެފިޝަންސީ އިތުރުވެގެންދާނެއެވެ. މުހިންމު ކަމަކީ، ލޯނުތަކުގެ އިންޓަރެސްޓް ނުވަތަ ޕްރޮފިޓް ރޭޓްތައް މިހާރު ހުރި މިންވަރަށްވުރެ މައްޗަށް ނުގެންދާނެ ކަމުގެ ޔަޤީންކަން ބީއެމްއެލްއިން ދިނުމެވެ. އަދި ހުރިހާ މާލީ މުޢާމަލާތްތަކެއް ހިންގާނީ ވިޔަފާރިތަކަށް ފަސޭހަ، އިސްލާމީ ޝަރީޢާގެ އުޞޫލުތަކާ އެއްގޮތަށެވެ.
ސަރުކާރުން ޤަބޫލުކުރާ ގޮތުގައި، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ބީއެމްއެލްގެ ބެލެނިވެރިކަމުގެ ދަށަށް އެސް.ޑީ.އެފް.ސީ ދިއުމުން، ކުންފުނީގެ ގަވަރނަންސް ހަރުދަނާވެ، ހިންގުމުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. އަދި ބީއެމްއެލްގެ ފުޅާ ނެޓްވޯކްގެ އެހީގައި ރާއްޖޭގެ ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށްވެސް އެސް.ޑީ.އެފް.ސީ.ގެ މާލީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ނިންމުމެއް ކަމަށް ސަރުކާރުން ދެކެއެވެ.
Ads by MACL
