ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާފަރު ތަރައްޤީއަށް ކުރަންޖެހޭ ކޮންމެ ކަމެއް މިސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރައީސް ނ. މާފަރު އިސްވެރިންނާ ބައްދަލުކުރެއްވުން. ފޮޓޯ ރައީސް އޮފީސް
ރައީސް ނ. މާފަރު އިސްވެރިންނާ ބައްދަލުކުރެއްވުން. ފޮޓޯ ރައީސް އޮފީސް

ނ. މާފަރު ތަރައްޤީއަށް ސަރުކާރުން އިސްކަންދެއްވާކަމުގެ ޔަގީންކަން ދެއްވަމުން، އެންމެ އިސްކަންދެއްވާ އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ މާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނޫނު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، މާފަރު ކައުންސިލާއި، އ.ތ.މ ކޮމެޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން ނ. މާފަރު ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު މިއަހަރުގެ ފަހުކޮޅު ފަށްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ދަށުން، ކައުންސިލާއި ސްކޫލުން އެދުނުގޮތަށް 4 ކްލާސް ރޫމް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފުޓްސަލް ދަނޑު ތަރައްޤީކުރުމުގައި ހުރި ލަސްތަކަށް ހައްލުއް ގެނެސް، އެ މަޝްރޫޢު ހިމެނޭހެން ކުޅިވަރުގެ ގިނަ ވަސީލަތްތައް ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޢުމްރާނީ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި މަގުތައް ތަރައްޤީކުރުމުގެ ވަޢުދާއެއްގޮތަށް މިއަހަރުގެ ފަހުކޮޅު މުޅި ރާއްޖޭގެ ގިނަ ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫޢު ފެށުމަށް ޕްލޭންކޮށްފައިވާއިރު، އޭގެ ތެރޭގައި މާފަރުވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބައެއް ނިމިފައިވާއިރު، ޓަރމިނަލް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންވެސް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ނ. އަތޮޅަކީ ޓޫރިޒަމް ކުރިއަރާފައިވާ އަތޮޅަކަށް ވުމުން ސިޓީ ހޮޓަލެއް ތަރައްޤީކުރުންވެސް ޕްލޭންގައި އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާފަރު އެއަރޕޯޓަށް ގެންނަންބޭނުވާ ކުރިއެރުންތަކާ ގުޅޭގޮތުން ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

"އެއަރޕޯޓަށް ގެންނަ ބޭނުންވާ ވަށާޖެހޭ ކަންކަމަށް ރިޔާއަތްކޮށް، ޓަރމިނަލް ހިމެނޭހެން އެއަރޕޯޓު ބޮޑުކުރުމުގެ ވިސްނުމުގައި ކުރިއަށް މިދަނީ. މާލަސްތަކެއްނުވެ އެއަރޕޯޓުގައ ޓަމިނަލް ހިމެނޭހެން ކުރަންޖެހޭ ކަންކަން ކުރާނެވާހަކަ ދަންނަވާލަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހުރިހާ ރައްޔިތުންނަށްވެސް ބޯހިޔާ ވަހިކަން މުހިންމުކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މާފަރުގައި ބޯހިޔާ ވަހިކަމުގެ އައު މަޝްރޫޢު ފެށޭ ރަށަކަށް މާފަރު ކަނޑައަޅުއްވާފައިވާކަމުގެ ޚަބަރު ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރައްޔިތުން ބޭނުންވާ އެތައްކަމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި، އެ މަޝްރޫއުތައް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.