ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޝްރޫއުތައް ނިންމައި މިއަހަރު އިތުރު ދަތުރުފުޅެއް ރަސްގެތީމަށް ކުރުމުގެ އުއްމީދު ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ރަސްގެތީމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ރަސްގެތީމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

މިއަހަރަކީ މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގެ ތަރައްޤީގައި ހަގީގީ ކުލަ ޖައްސާނެ އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަތޮޅުތެރެއަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ އެރަށްރަށުގެ ތަރައްޤީއަށް ހުރި ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވުމަށްކަމަށެވެ. މިދިޔަ އަހަރަކީ ރާއްޖެއަށް އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހާލަތުން އަރައިގަތުމަށް ކުރި މަސައްކަތްތަކަށް ކުރިއެރުން ލިބިފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ކެމްޕޭންގައި ރަސްގެތީމަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައިވާތީ އެކަންކަން ފުރިހަމަކުރެއްވުމުގެ ގިނަ މަސައްކަތްތަކެއް މިއަހަރު ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ގިނަ މަޝްރޫޢުތައް ނިންމަވާނެކަމުގެ ޔަޤީންކަންވެސް ރައީސްދެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވީ ފަދައިން ރަސްގެތީމުގެ ބަނދަރުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެކަމަށާއި، އެރަށު ސްކޫލަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލު އިތުރުކުރުންވެސް ކުރިއަށްދާނެކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފުޓްސަލް ދަނޑާއި އެނޫންވެސް ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަމަށާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތުގެ މައްސަލަތައް ޙައްލުކޮށް ރަސްގެތީމުގެ މައި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން މުޅި ރާއްޖެއަށް އޮތް ކަރަންޓުގެ މައްސަލަ ޙައްލުކޮށް، ސިއްޙީ މައްސަލަތައް ޙައްލުކުރުމަކީވެސް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަންކަމަށް އިސްކަންދެއްވައިގެން މަޝްރޫޢުތައް ހިންގަވާނެކަމަށް ވިދާޅުވެފައެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ކައުންސިލާއި އަޅުގަނޑުމެންގެ ވުޒާރާ ގުޅިގެން ތަރުތީބުވާނެ. ނަތީޖާއަކީ ގިނަ ދުވަސްތަކެއްވެފައިވާ މިރަށުގައި ނުކުރެވިހުރި ގިނަ ކަންކަންކުރެވި އުފާފާގަތިކަން ލިބުން. އެހެން ރަށްރަށާއި އެއްގޮތަށް އެއް އިސްކަމެއްދީގެން ކުރިއަށްދާނެ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރަކީ ރަސްގެތީމުގެ ތަރައްޤީގައި ހަގީގީ ކުލަ ޖައްސަވާނެ އަހަރުކަމަށެވެ. ގިނަ މަޝްރޫޢު މިއަހަރު ނިންމަވައި، އުންމީދަކީ މިއަހަރު އިތުރު ދަތުރުފުޅެއްގައި ރަސްގެތީމަށް ވަޑައިގަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.