ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޕީއެލްގެ ބޮންޑެޑް ވެއަރހައުސްގެ ފީތަކަށް ބަދަލު ގެނެސްފި

އެމްޕީއެލްގެ ބޮންޑެޑް ވެއަރހައުސްގެ ފީތަކަށް ބަދަލު ގެނެސްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލެ ބޮންޑެޑް ވެއަރހައުސްގެ ލީސް ފީތަކަށް ބަދަލުތަކެއް ގެނެސް، އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ބަދަލުތަކަށް އަމަލުކުރަން ނިންމައިފިއެވެ. އެހެންނަމަވެސް، މި ބަދަލާ ގުޅިގެން އާންމު މުދަލުގެ އަގަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، މި ބަދަލުތައް ގެނައީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާ ގުޅިގެން ކަމަށެވެ. އެގޮތުން، ކަސްޓަމަރުންގެ މުދަލުގެ ރައްކާތެރިކަމަށްޓަކައި 24 ގަޑިއިރުގެ ސެކިއުރިޓީއާއި، މޯލްޑިވްސް ކަސްޓަމްސްގެ ޚިދުމަތްތަކަށް ޚާއްސަ ފެސިލިޓީއެއްގެ އިތުރުން، މުދާ ލޯޑުކޮށް އަންލޯޑު ކުރުމަށް ވަކި ކީ ވޯލެއް ޤާއިމްކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މި ބަދަލުތަކާއެކު، އާ ޚިދުމަތެއްވެސް ތައާރަފްކުރާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެއީ، ވޭސްޓް ޑިސްޕޯސަލް ނުވަތަ ކުނި އުކާލުމުގެ ޚިދުމަތެވެ. މީގެކުރިން ކަސްޓަމަރުން އަމިއްލައަށް ކުރަމުން އައި މިކަން، އޯގަސްޓް 15 އިން ފެށިގެން އެމްޕީއެލްގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.

އެމްޕީއެލް އިން އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ މި ބަދަލުގެ ސަބަބުން ބާޒާރުގައި އާންމުކޮށް ވިއްކާ މުދަލުގެ އަގަށް އަސަރުކުރާނެ ކަމަށް ބައެއް ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތަކެވެ. އެ ކުންފުނިން ޔަގީންކަން ދޭ ގޮތުގައި، ހުޅުމާލެ ބޮންޑެޑް ވެއަރހައުސްގެ އޭރިއާ 1، 2، އަދި 3 ގައި ބޮންޑްކޮށްފައި ހުންނަނީ ހަމައެކަނި ޓޫރިސްޓް ރިސޯޓްތަކަށް ގެންނަ ބަނގުރަލާއި އޫރުމަހުގެ ބާވަތްތަކެވެ. އެހެންކަމުން، އާންމު ރައްޔިތުންނާ ގުޅުން ހުރި މުދަލުގެ އަގުތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެކުންފުނިން ބުނެއެވެ.

އަލަށް ގެނައި ބަދަލުތަކުގެ ތަފްސީލީ މައުލޫމާތު އެމްޕީއެލްގެ ވެބްސައިޓުންނާއި އެކުންފުނިން އާންމުކޮށްފައިވާ ލިންކުން (https://bit.ly/4nZMMCC) ލިބެން ހުންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ.