ބޭސްފަރުވާއަށް ޑޮލަރު ފޯރުކޮށްދިނުން، ރައީސް ނިންމެވި ނިންމެވުމަށް ގިނަ ބައެއްގެ ތައުރީފް
ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ އެންސްޕާ އަދި އަމިއްލަ ޚަރަދުގައި ދާ ފަރާތްތަކަށް، ބޭންކު މެދުވެރިކޮށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބި، ގިނަ ބަޔަކު އެމަނިކުފާނަށް ތައުރީފު ކުރަމުން އެބަދެއެވެ.
https://twitter.com/MMuizzu/status/1947281981513040380މި ނިންމެވުން ރައީސް ހާމަކުރެއްވީ، "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުން، މިހާރު އާސަންދަ ޕޭޝަންޓުންނަށް 2000 ޔޫއެސް ޑޮލަރާ ހަމައަށް ބޭންކުތަކުން ލިބޭ އުސޫލުން، އަންނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް 2000 ޔޫއެސް ޑޮލަރާ ހަމައަށް ލިބޭނެއެވެ.
މީގެ އިތުރުން، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދާ ފަރާތްތަކަށްވެސް މި ތާރީޚުން ފެށިގެން 1000 ޔޫއެސް ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހޯދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
Ads by BMLޑޮލަރުގެ ދަތިކަމާހެދި، ބޭސްފަރުވާއަށް ބޭރަށް ދާންޖެހޭ ގިނަ ރައްޔިތުންނަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ސަރުކާރުން އެޅުއްވި މި ފިޔަވަޅަކީ، ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މިގޮތުން، ބޭންކު ރޭޓުގައި ފަސޭހަކަމާއެކު ޑޮލަރު ލިބުމުގެ މަގު ތަނަވަސްވުމަކީ ބަލިމީހުންނަށާއި އެމީހުންގެ އާއިލާތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަން ހަމަޖެއްސުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ.
މިއީ އާންމު ރައްޔިތުންގެ އަޑުއައްސަވައި، އެމީހުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަމުން ގެންދަވާކަން ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
Ads by MACL
