ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގެ 4000 ޔުނިޓް: ކުލި އަވަހަށް ދައްކާ ފަރާތްތަކަށް 75 ޕަސެންޓާ ހަމައަށް ސަބްސިޑީ!

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓް --
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓް --

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓްތަކުގެ ކުލި، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ދައްކާ ފަރާތްތަކަށް 75 ޕަސެންޓާ ހަމައަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމައިފިއެވެ. މިއީ ކުލި ދެއްކުން ފަސޭހަކޮށްދީ، މުއްދަތަށް ފައިސާ ދައްކާ ފަރާތްތަކަށް ދޭ ހިތްވަރެކެވެ.

އެފްޑީސީން ވަނީ މި ހައުސިންގ ޔުނިޓްތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓާ ގުޅޭ އުސޫލުތައް އާންމުކޮށްފައެވެ. އެ ކޯޕަރޭޝަނުން ބުނީ، މި ޔުނިޓްތަކުގެ އެއްބަސްވުންތަކަކީ ޝަރީޢަތުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ އެއްބަސްވުންތަކެއް ކަމަށެވެ.

ކުލި އަވަހަށް ދައްކާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން، ކޮންމެ މަހެއްގެ 16 ވަނަ ދުވަހުގެ ކުރިން ކުލި ދައްކައިފިނަމަ 75 ޕަސެންޓުގެ ސަބްސިޑީއެއް ލިބޭނެއެވެ. އަދި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާ ފަރާތްތަކަށް 50 ޕަސެންޓުގެ ސަބްސިޑީއެއް ލިބޭއިރު، މަހުގެ 26 ވަނަ ދުވަހުގެ ކުރިން ކުލި ދައްކައިފިނަމަ 25 ޕަސެންޓުގެ ސަބްސިޑީއެއް ލިބޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން މަހު ކުއްޔާއި މެއިންޓެނަންސް ފީ ދައްކަން ޖެހެއެވެ. ކުލި ދެއްކުން ލަސްވާ ފަރާތްތަކަށް ޖޫރިމަނާއެއް ކުރިމަތިވާނެއެވެ. އަދި އެއްބަސްވުމުގެ ނިޔަލަށް ކުލި ނުދައްކައިފިނަމަ، ފައިސާ ދެއްކުމަށް އެދި ކުއްޔަށް ހިފި ފަރާތަށް 30 ދުވަހުގެ ނޯޓިހެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެފްޑީސީން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15,000 ރުފިޔާ ދައްކަންޖެހެއެވެ. މަހު ކުއްޔަކީ 7,000 ރުފިޔާ އަދި މެއިންޓެނަންސް ފީ އަކީ 1,000 ރުފިޔާއެވެ. އެހެންކަމުން މަހަކު ޖުމްލަ 8,000 ރުފިޔާ ދައްކަންޖެހޭނެއެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25,000 ރުފިޔާ ކަނޑައަޅާފައިވާއިރު، މަހު ކުއްޔަކީ 9,000 ރުފިޔާއެވެ. އަދި މެއިންޓެނަންސް ފީ އަށް 1,500 ރުފިޔާ ދައްކަންޖެހެއެވެ. އެހެންކަމުން ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު ޖުމްލަ 10,500 ރުފިޔާ ދައްކަން ޖެހޭނެއެވެ.