މަނަދޫގެ މައްސަލަތަކަށް ޙައްލު ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނ. މަނަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވައިފިއެވެ. މި ޔަޤީންކަން އެމަނިކުފާނު ދެއްވީ، މަނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުން ހުށަހެޅި ކަންކަމަށް ޖަވާބުދެއްވަމުންނެވެ.
މަނަދޫ އަސްވާރު ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި، ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އެގޮތުން، ޞިއްޙީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ނަފްސާނީ ޑޮކްޓަރަކާއި ސްޕީޗް ތެރަޕިސްޓެއްގެ ޚިދުމަތް ޤާއިމުކުރުމާއި، ނުނިމިވާ ބަނދަރުގެ މަސައްކަތްތައް ފުރިހަމަކުރުމާއި، ބަނދަރު ނެރު ފައިކަށީގެ މައްސަލަ ޙައްލުކުރުން ހިމެނެއެވެ.
މީގެ އިތުރުން ނަރުދަމާގެ މައްސަލަ ޙައްލުކޮށް މަގު ހެދުމާއި، ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމާއި ޕޮލިސް ސްޓޭޝަންގެ މަސައްކަތް އަވަސްކުރުމަށްވެސް ކައުންސިލުން އެދިފައިވެއެވެ.
Ads by BMLކައުންސިލުން ހުށަހެޅި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއީ ސަރުކާރުން އިސްކަންދީގެން ޙައްލުކޮށްދެއްވާނެ ކަންކަންކަމުގައި ވިދާޅުވެފައެވެ. އަދި ހަމައެކަނި އަޑުއެއްސެވުމަކުން ނިންމަވާނުލައްވައި، އެމަނިކުފާނުވަނީ އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި، ކަންކަމާގުޅޭ އެންމެ ފަހުގެ ބައެއް މަޢުލޫމާތުތައް ހަމަ އެމަޖިލީހުގައި ހިއްސާކުރައްވައި، ކުރިއަށް ދާނެ ގޮތުގެ އޮނިގަނޑު ސާފުކޮށްދެއްވާފައެވެ.
ރައީސް މަނަދުއަށް ވަޑައިގަތީ ނ.އަތޮޅުގެ 13 ރަށަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރުގެ ވަގުތެއްގައެވެ.
Ads by MACL
