ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

‏10 އަހަރުވެފައިވާ މަނަދޫގެ ނަރުދަމާ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް‏

މަނަދޫގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ: -- ފޮޓޯ/ ރައީސް އޮފީސް
މަނަދޫގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ: -- ފޮޓޯ/ ރައީސް އޮފީސް

ނ. އަތޮޅު މަނަދޫގެ ރައްޔިތުން ދިހަ އަހަރަށްވުރެ ގިނަ ދުވަހު ތަހައްމަލުކުރަމުން އައި ނަރުދަމާގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް އެކެއް ބައި އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނެ ކަމަށެވެ.

މަނަދޫގެ ނަރުދަމާގެ މައްސަލައަކީ އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ތަކުލީފުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު ޤާއިމުކޮށްފައިވާ ނިޒާމު ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާތީ، އެކަމަށް އޮތް ހަމައެކަނި ހައްލަކީ، ނިޒާމު އެއްކޮށް ބަދަލުކޮށް، މުޅިން އާ މަޝްރޫޢެއްގެ ގޮތުގައި މަސައްކަތް ފެށުން ކަމަށެވެ. އެގޮތުން، އަންނަ އޮގަސްޓު މަހުގެ ތެރޭގައި އާރްޑީސީއާ ހަވާލުކޮށްގެން މި މަޝްރޫޢު ފަށާނެ ކަމަށާއި، ނަރުދަމާގެ މަސައްކަތާ އެކު، އެއްފަހަރާ މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދެވޭނެ ގޮތަށް މަސައްކަތްތައް ރޭވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މުޅި މަޝްރޫޢު ނިމެން ދޮޅު އަހަރު ހޭދަވާނެ ކަމުގައި ވީނަމަވެސް، އެ މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، ވަގުތީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. އެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މަނަދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައިވާ، ޞިއްޙީ ފަރުވާއަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދަތުރުކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް ދެއްވިއެވެ. އެގޮތުން، މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މަނަދޫއާއި އުނގޫފާރާ ދެމެދު އާރްޓީއެލްގެ ޑައިރެކްޓް ފެރީގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ހަފުލާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މިހާތަނަށް މަސައްކަތް ކުރަމުން އައީ ފައިސާ ޗާޕުނުކޮށް، ބޭރުގެ ދަރަނިތައް އަދާކޮށް، އިޤްތިޞާދު ރަނގަޅު ކުރުމަށެވެ. އަދި މިހާރު އެ މަރުޙަލާ ގިރާކޮށް، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ވަކިވަކި ރަށްރަށަށް ޒިޔާރަތްކުރައްވައިގެން ފުއްދަވައިދެއްވުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ ޔަގީންކަން އެމަނިކުފާނު ރައްޔިތުންނަށް އަރުވާފައިވެއެވެ.