ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިޔަފާރިތަކަށް ދޭ ޑޮލަރުގެ އަދަދު ބޮޑުކުރަން އެމްއެމްއޭ އިން ނިންމައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) ---
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) ---

ރާއްޖޭގައި ވިޔަފާރި ހިންގާ ފަރާތްތަކަށް، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީތަކަށް) ޑޮލަރު ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މުހިންމު ބަދަލެއް ގެނެސްފިއެވެ. އެގޮތުން، އިމްޕޯޓްގެ ބޭނުންތަކަށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު %10 އިން އިތުރުކުރުމަށް އެ އޮތޯރިޓީން ވަނީ ނިންމާފައެވެ. މި ބަދަލާއެކު، އެސްއެމްއީތަކަށް ބޭންކުތަކުން ވިއްކާ ޑޮލަރުގެ އަދަދު %40 އަށް މަތިވެގެންދާނެއެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން، ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ މިންވަރު %60 އިން %90 އަށް ބޮޑުކޮށްފައިވެއެވެ. ނަމަވެސް، ބޭންކުތަކުން އިތުރަށް މާރުކުރާ މި %30، އެމްއެމްއޭއިން ކޮންމެ ހަފްތާއަކު އަނބުރާ ބޭންކުތަކަށް ވިއްކަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. މި ހަފްތާއިން ފެށިގެން މި ގެނައި ބަދަލަކީ، މިގޮތަށް އަނބުރާ ވިއްކާ ޑޮލަރުގެ ތެރެއިން، ޓީޓީ އަދި އެލްސީ ޕޭމަންޓުތައް ފަދަ ވިޔަފާރި ބޭނުންތަކަށް ހާއްސަކުރާ މިންވަރު %10 އިތުރުކުރުމެވެ.

މި ބަދަލުގެ މައިގަނޑު މަގުސަދަކީ، ބޭންކިން ނިޒާމު މެދުވެރިކޮށް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ، ކުރިއަށްވުރެ ހަރުދަނާ އަދި ހަމަހަމަ އުސޫލަކުން ފޯރުކޮށްދިނުން ކަށަވަރުކުރުން ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. މި ފައިސާ ބޭނުންކުރަނީ އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި، ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމުގެ އިތުރުން، އެސްއެމްއީތަކަށް އެހީތެރިވުމަށެވެ.

ފޮރިން އެކްސްޗޭންޖް ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު، މިހާރުވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކުން ވިއްކާ ޑޮލަރުގެ %30 ހާއްސަކޮށްފައިވެއެވެ. ނަމަވެސް، މަރުކަޒީ ބޭންކުގެ ދުރު ރާސްތާ އަމާޒަކީ މި އަދަދު %50 އަށް އިތުރުކުރުމެވެ. މިހާރު ގެނައި މި ބަދަލަކީ އެ އަމާޒަށް ވާސިލުވުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.