ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު މިއަހަރުގެ ތެރޭގައި ފެށޭނެ: ރައީސް

ލަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު މިއަހަރުގެ ތެރޭގައި ފެށޭނެ: ރައީސް

ލަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި ރައީސް ވިދާޅުވެއްޖެއެވެ.






ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނ. ލަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތަފްޞީލުތައް ހިއްސާކުރައްވައި، ރައްޔިތުން އެދޭ ގޮތަށް އެކަންކަން ހަޤީޤަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.


ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގިރާސަރަހައްދުގެ މި މަޝްރޫޢު ހިމަނާފައިވަނީ ފަށަން ހަމަޖެހިފައިވާ 7 ވަނަ ބެޗުގައި ކަމަށާއި، ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް، ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހު ޢަމަލީ މަސައްކަތް ފެށޭނެއެވެ.


ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ކަންކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، ލަންދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ފުޅާކުރުމަށް ބޭނުންވާ މުވައްޒަފުން ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ލަންދޫ ސްކޫލަށް ބޭނުންވާ އިތުރު ވަޞީލަތްތައް ޤާއިމުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.


ޒުވާނުންނަށް ޚާއްޞަކޮށް، ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައްވެސް އަވަސް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން ލަންދޫއަށްވެސް މުހިންމުވެފައިވާ ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރުމަށް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ މަޝްރޫޢެއް ހިމަނުއްވާނެކަން އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.


މީގެ އިތުރުން، ލަންދޫގައި ޤާއިމުކުރަމުން އަންނަ އައިސް ޕްލާންޓުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


"އަޅުގަނޑު ދެން ލަންދޫއަށް އަންނައިރު، މި ދެންނެވި ކަންކަން ނިމިފައި ހުރުމަށް އަޅުގަނޑު އެދެން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.