އައްޑޫގައި ހަށިވިއްކި ދިވެއްސަކާއި ތައިލެންޑް އަންހެނަކު ހައްޔަރުކޮށްފި
އައްޑޫ ސިޓީ މީދޫގައި، ބިއުޓީ ސެލޫނެއްގެ ނަމުގައި ހިންގަމުންދިޔަ ތަނެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކާއި ތައިލެންޑުގެ އަންހެނަކު ހައްޔަރުކޮށް، 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ސ. މަރަދޫ / އާބާދީމަންޒިލް، ނަވާލް ޙުސައިން (25އ) އާއި، ތައިލެންޑް، ޔޮންލައްޑާ ސުކްސުވަންގް (36އ) ކަމަށެވެ.
މި ދެމީހުން ހައްޔަރުކުރީ މި މަހުގެ 19 ވަނަ ދުވަހު، މީދޫގައި ހިންގަމުން ދިޔަ "ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ" އިން، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
Ads by BMLމި ދެމީހުން ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށްޓަކައި ދެ މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި، ހާއްސަކޮށް މާލެ ސަރަހައްދާއި އަތޮޅުތަކުގެ ބައެއް ގެސްޓްހައުސް އަދި ސްޕާތަކުގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާކަމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިއީ މާލެއިން ބޭރުގެ އާބާދީތަކަށްވެސް މިފަދަ ނޭދެވޭ އަމަލުތައް ފެތުރެމުންދާކަމުގެ ހެއްކެކެވެ.
މިފަދަ ގިނަ މައްސަލަތަކުގައި ބިދޭސީން، ހާއްސަކޮށް އޭޝިއާގެ ބައެއް ގައުމުތަކުގެ އަންހެނުން ބައިވެރިވާކަން ފާހަގަކުރެވެއެވެ. ބައެއް ހާލަތްތަކުގައި މިއީ އިންސާނީ ވަގުފާރީގެ (ހިއުމަން ޓްރެފިކިން)ގެ އަމަލުތަކާ ގުޅިފައިވާ ކަމެއްގެ ގޮތުގައިވެސް ތުހުމަތުކުރެވި، ފުލުހުން އެކަންކަންވެސް ބަލަމުން އާދެއެވެ.
ދިވެހިރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ހަށިވިއްކުމަކީ ބޮޑުވެގެންވާ ކުށެކެވެ.
Ads by MACL
