ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާޅެންދޫގެ ޖެޓީއާއި ބިން ހިއްކުމުގެ މަޝްރޫޢު ރައީސް އިޢުލާން ކުރައްވައިފި

މާޅެންދޫގެ ޖެޓީއާއި ބިން ހިއްކުމުގެ މަޝްރޫޢު ރައީސް އިޢުލާން ކުރައްވައިފި

މާޅެންދޫގެ ޖެޓީއާއި ބިން ހިއްކުމުގެ މަޝްރޫޢު ރައީސް އިޢުލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިކަން އިއުލާންކުރެއްވީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާޅެންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.


މާޅެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޖެޓީއެއް އެޅުމާއި ބިން ހިއްކުމުގެ އިތުރުން ރަށަށް ބޭނުންވާ ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތަކެއްގެ ޔަޤީންކަން ދެއްވާފައެވެ.


ރަށުގެ ހުޅަނގުފަރާތުން އުޅަނދުފަހަރު ލަފާފުރުމުގައި ހުރި ގޮންޖެހުންތަކަކީ މާޅެންދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުންކަން ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވަނީ އެކަމުގެ ޢަމަލީ މަސައްކަތް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.


އެމަނިކުފާނު ވިދާޅުވީ، ޖެޓީ އާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން މިހާރު ނިމި، ތިމާވެށީގެ އަސަރު ދިރާސާކުރާ ރިޕޯޓް (އީ.އައި.އޭ) ގެ އެންމެ ފަހުގެ މަރުޙަލާ ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތް ފެށުމަށްފަހު އެއްވެސް ހުއްޓުމެއްނެތި ކުރިއަށްގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


މާޅެންދޫއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބިން ހިއްކުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މި މަޝްރޫޢު ކުރިއަށްގެންދަވާނީ ރަށު ކައުންސިލާއި ރައްޔިތުންގެ މަޝްވަރާގެ މަތިން، ރަށުގެ ގުދުރަތީ ރީތިކަމާއި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތެއްގެ މަތިންކަން އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. މި ބިން ގެދޮރުވެރިކަމަށާއި އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންކުރެވޭނެއެވެ.


މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ މާޅެންދޫގެ ޒުވާނުންނަށާއި ޢާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ޢިމާރާތްކުރާ "ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު" ގެ ބިންގާވެސް އަޅުއްވައިދެއްވާފައެވެ. މިއީ ސަރުކާރުން ރައްޔިތުންގެ ޞިއްޙަތަށާއި ދުޅަހެޔޮކަމަށް ދެއްވާ އަހަންމިއްޔަތު އަންގައިދޭ ކަމެކެވެ.


މީގެ އިތުރުންވެސް، މާޅެންދޫގެ ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، ރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ސަމާލުކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.


ހަމައެހެންމެ، މާޅެންދޫގެ އިޚްތިޞާޞްގެ ދަށަށް ނ. ތޮޅެންދޫ ގެނައުމަށް ކުރިމަތިވެފައިވާ ޤާނޫނީ ހުރަސްތައް ނައްތާލައި، އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެޓާރނީ ޖެނެރަލްއަށް އަންގަވާފައިވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.