ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލޯނަށް އެދުނު ޝަރުޠު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ސަރުކާރުން ނިންމައިފި

ލޯނަށް އެދުނު ޝަރުޠު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ސަރުކާރުން ނިންމައިފި

މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލައި ޝަރުޠު ހަމަވި ހުރިހާ ދަރިވަރުންނަށް ވެސް ލޯނު ދޫކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި 'އެކްސް' ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލައި ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް (806 ދަރިވަރުން) ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ދަންނަވާފައިވާ ކަމަށެވެ.

https://twitter.com/MMuizzu/status/1947656822925758970

މި އަހަރު ސަރުކާރުން ހުޅުވާލި ލޯނު ސްކީމުގެ ދަށުން ދެ ބާވަތެއްގެ ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށްފައިވާ 'ޓޮޕް-އަޕް' ލޯނެވެ. ޓޮޕް-އަޕް ލޯނުގެ ގޮތުގައި 700,000 ރުފިޔާއާ ހަމައަށް ލިބޭނެއެވެ. މިއީ އިޚްތިޔާރުން ބޭރުން ކިޔެވުން މެދުކަނޑާލަން ޖެހިފައިވާ ދަރިވަރުންނާއި އިންޓަރންޝިޕް ފުރިހަމަކުރުމަށް އެހީ ބޭނުންވާ ދަރިވަރުންނަށް އެހީތެރިވުމުގެ މަޤްޞަދުގައި ދޫކުރާ ލޯނެކެވެ.

މި ލޯނު ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވީ މިއަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

މީގެ އިތުރުން، ދަރިވަރުންގެ ލޯނު އަނބުރާ ދެއްކުމުގައި ކުރިން ނަގަމުން އައި އެއް ޕަސެންޓުގެ އިދާރީ ފީ ނެގުން ހުއްޓާލުމަށް ވެސް ރައީސް މުޢިއްޒު ވަނީ މީގެ ކުރިން އިޢުލާން ކުރައްވާފައެވެ. މިއީ ލޯނު އަނބުރާ ދައްކާ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ޝަރުޠު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ފުރުޞަތު ދިނުމަކީ، ރާއްޖޭގެ ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ތަޢުލީމީ އަދި ހުނަރުވެރި ޖީލެއް ބިނާކުރުމަށް ބޮޑު އެހީއެއް ލިބިގެންދާނެއެވެ.