ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޙަސަން ޔާމީން، ސިނަމާލެ ބުރިޖުން މޫދަށް ފުންމާލި: ފުލުހުން

ހ. ރެކިތިވިލާ، ޙަސަން ޔާމީން (30އ) --
ހ. ރެކިތިވިލާ، ޙަސަން ޔާމީން (30އ) --

ގެއްލިގެން ހޯދަމުން ދާ، މާލޭ، ހ. ރެކިތިވިލާ، ޙަސަން ޔާމީން (30އ) ސިނަމާލެ ބުރިޖުން މޫދަށް ފުންމާލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2025 ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:25 ހާއިރު ގޭން ނުކުމެގެން ދިޔަ ފަހުން ޙަސަން ޔާމީންގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ޖުލައި 14 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ތަހުގީގަށް ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖުތައް ވަނީ ދިރާސާކޮށްފައެވެ. އެގޮތުން، 2025 ޖުލައި 13 ވަނަ ދުވަހުގެ ފަތިހު 03:24 ހާއިރު ޙަސަން ޔާމީން، ސިނަމާލެ ބުރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައުލޫމާތު އޭނާގެ އާއިލާއާ ހިއްސާކޮށް، ތަހުގީގު ޓީމުން އާއިލާއާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ މި މައްސަލައާ ގުޅޭގޮތުން ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ޙަސަން ޔާމީންގެ އާއިލާއަށް އިހުތިރާމްކުރުމުގެ ގޮތުންނާއި، ތަހުގީގުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމަށް އެންމެހައި ފަރާތްތަކުން އެއްބާރުލުން ދެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.