ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިހަފަރުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު: ރައީސް ޔާމީން ވެސް ވަނީ އެރަށުގައި އެއާޕޯޓެއް އަޅުއްވާނެކަމުގެ އިޝާރާތެއް 2018 ވަނައަހަރު ދެއްވާފައި --
ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު: ރައީސް ޔާމީން ވެސް ވަނީ އެރަށުގައި އެއާޕޯޓެއް އަޅުއްވާނެކަމުގެ އިޝާރާތެއް 2018 ވަނައަހަރު ދެއްވާފައި --

ނ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރުމުގެ ގޮތުން، އެ އަތޮޅު ވިހަފަރުގައި އެއާޕޯޓެއް އަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނިންމަވައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށައި، ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނ. ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ރަށަކުންވެސް 30 މިނެޓުގެ ދަތުރަކުން އެއާޕޯޓަކަށް ދެވޭނެ ގޮތް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އެގޮތުން، ނ. މާފަރުގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އޮތް ނަމަވެސް، އަތޮޅުގެ ރަށްތަކުގެ ފަސޭހައަށްޓަކައި އިތުރު ޑޮމެސްޓިކް އެއާޕޯޓެއް ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަޅުގަނޑު ނިންމާފައިވާކަން މި ޖަލްސާގައި އިއުލާނުކުރަން،" ރައީސް ވިދާޅުވި އެވެ.

ވެލިދޫއާ ކައިރީގައި އޮންނަ ވިހަފަރުގައި ތަރައްގީކުރާ މި އެއާޕޯޓުގެ ސަބަބުން، އަތޮޅުގެ ރަށްތަކުގެ އިގްތިސާދަށާއި، ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގާ ނ. އަތޮޅުގެ ފަތުރުވެރިކަމަށްވެސް މިކަމުން އިތުރު ކުރިއެރުމެއް ލިބޭނެއެވެ.