ޒަކިއްޔާގެ މަރު: ރައީސްދެއްވީ އިންސާފު ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން
ނ. ހޮޅުދޫގައި ގޮތް ނޭނގޭ ހާލަތެއްގައި، ބޮޑެތި ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފު ޤާއިމުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޒަކިއްޔާގެ އާއިލާއަށް ދެއްވައިފިއެވެ.
މި ޔަގީންކަން ރައީސް ދެއްވީ، އެމަނިކުފާނު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައި، ޒަކިއްޔާގެ އާއިލާއާއި، އެކަމަނާއަށް އިންސާފު ހޯދުމަށް ގޮވާލަމުންދިޔަ ރައްޔިތުންނާ ވަކިން ބައްދަލުކުރައްވައެވެ. ހޮޅުދޫ ކައުންސިލް އިދާރާގެ ކުރިމަތީގައި އެއްވެ ތިބި ރައްޔިތުންގެ ޝުޢޫރުތަކާއި ވާހަކަތައް ރައީސް ވަނީ އަޑުއައްސަވާފައެވެ.
އެ ބައްދަލުވުމުގައި އާއިލާގެ ފަރާތުން ވަނީ އެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ. ޒަކިއްޔާ އަމިއްލައަށް މަރުވި ކަމަށް ޤަބޫލުނުކުރާ ކަމަށާއި، މައްސަލައިގައި އަދިވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ، ޤާތިލު މުޖުތަމަޢުގައި މިނިވަންކަމާއެކު އުޅެމުންދާތީ ކަންބޮޑުވާ ކަމަށް އާއިލާއިން ފާހަގަކުރިއެވެ. މީގެ އިތުރުން، އިންސާފަށް ގޮވާލައި މުޒާހަރާކުރުމުން ބައެއް މީހުން ހައްޔަރުކޮށް ދައުވާކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާއިލާއިން ބުންޏެވެ.
Ads by BMLމި މައްސަލައިގައި އާއިލާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ޒަކިއްޔާގެ ހަށިގަނޑުން ފެނުނު ޒަޚަމްތަކާއެކުވެސް އޮޓޮޕްސީއެއް ނުހަދައި ވަޅުލުން ކަމަށް އެމީހުން ބުނެއެވެ. އެއީ ހެކި ނައްތާލައި، ކަންކަން ފޮރުވުމަށް ގަސްތުގައި ކުރި ކަމެއް ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ. އެހެންކަމުން، ހަށިގަނޑު ނަގައިގެން އޮޓޮޕްސީއެއް ހެދުމަށް ވެސް އާއިލާއިން ވަނީ މީގެ ކުރިން އެދިފައެވެ.
މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފުލުހުންގެ އިސްވެރިން ހޮޅުދޫއަށް ޒިޔާރަތްކޮށް އާއިލާއާ ބައްދަލުކުރެއްވި ނަމަވެސް، މައްސަލައިގެ ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ. އޮޓޮޕްސީ ނުހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މިނިސްޓަރު އިހުސާން ފަހުން ވިދާޅުވި ނަމަވެސް، އެކަމުގެ ޒިންމާ ނަގާނެ ފަރާތެއް އަދިވެސް ސާފެއް ނުވެއެވެ.
Ads by MACL
