ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ ރައީސުންނަށް ދައުވަތު އަރުވައިފި

ފޮޓޯ: ކްރެޑިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ފޮޓޯ: ކްރެޑިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތަށް، ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ސަރުކާރުން ދައުވަތު އަރުވައިފިއެވެ.

މިނިވަން ދުވަހު، ޖުލައި 26 ވަނަ ދުވަހު ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތަކީ، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު ނިމުން ފާހަގަކުރުމަށް ބާއްވާ ހަފުލާއެކެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު "ޖީލްއޮންލައިން" އަށް ކަށަވަރުކޮށްދެއްވިގޮތުގައި ކުރީގެ ރައީސުންގެ އިތުރުން، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ ވެރިންނަށް ވެސް މި ރަސްމިއްޔާތުގެ ދައުވަތު ވަނީ އަރުވާފައެވެ.

އާ ޓާމިނަލް ހުޅުވާނެ ދުވަސް އިއުލާން ކުރުމާއެކު، މި މަޝްރޫއުގެ ހަގީގީ ކްރެޑިޓް ހައްގުވަނީ ކޮން ރައީސަކަށްތޯއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަނީ ހޫނު ބަހުސެއް އުފެދިފައެވެ.

މި ޓާމިނަލްގެ މަސައްކަތް ފުރަތަމަ ފައްޓަވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސައްކަތުގެ ބޮޑު ބައެއް ނިމި، މިހާރުގެ ސަރުކާރުން ވަނީ މަޝްރޫއުގެ ފިނިޝިން މަސައްކަތްތައް ފުރިހަމަކޮށްފައެވެ.

މި ބަހުސާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެއީ ބޭކާރު ބަހުސެއް ކަމަށާއި، މަޝްރޫއުގެ ކްރެޑިޓް ހުރިހާ ރައީސުންނަށް ވެސް ހައްގުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުން ހިންގާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މައި ދޮރޯށި ކަމަށްވާ ހުޅުލޭ އެއާޕޯޓު ތަރައްގީ ކުރުމަށް ކޮންމެ ސަރުކާރަކުންވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

"ފުރަތަމަ އެއާޕޯޓް އެޅީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި. އޭގެ ފަހުގައި އެއާޕޯޓް ތަރައްގީކުރަން ރައީސް މައުމޫނު އަބްދުއްގައްޔޫމުގެ ސަރުކާރުން ވެސް ބޭރުން އެތައް އެހީއެއް ހޯދައިގެން މަސައްކަތްތަކެއް ކުރި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިނިވަން ދުވަހު ބާއްވާ މި ތާރީޚީ ރަސްމިއްޔާތަކީ ވަރަށް ކުލަގަދަ އަދި ޚާއްޞަ ހަފުލާއަކަށް ހެދުމަށް ވަނީ ސަރުކާރުން އަމާޒުހިފާފައެވެ. އެގޮތުން، މި ހަފުލާގެ ހައިބަތު އިތުރުކޮށް، އުފާވެރިކަން ފާޅުކުރުމުގެ ގޮތުން، ހަވާއެރުވުމާއި ބަޑިބޭހުގެ ހިތްގައިމު ކުޅިވަރުތަކެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.