ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވާވު ޝިޕްރެކް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

ޓޫރިސްޓުންގެ ބޮޑު މަގުބޫލު މަންޒިލަކަށް ވެފައިވާ ޝިޕްރެކް އޮތް ސަރަޙައްދު --
ޓޫރިސްޓުންގެ ބޮޑު މަގުބޫލު މަންޒިލަކަށް ވެފައިވާ ޝިޕްރެކް އޮތް ސަރަޙައްދު --

ވ. އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮތް "ވާވު ޝިޕްރެކް"ގެ ނަމުން މަޝްހޫރުވެފައިވާ ބޯޓު، ފަރުން ނެއްޓި، އޮޔާ ދާން ފަށާފައިވާތީ ކަނޑުދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފްއިން  އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފްއިން ހާމަކުރާ ގޮތުގައި، މި ބޯޓު މިވަގުތު އޮޔާ ދަމުންދަނީ ވާވު އަތޮޅު ތެރެއިން ހުޅަނގުއުތުރަށެވެ. އަދި ބެލެވޭ ގޮތުގައި، މި ބޯޓު އަތޮޅުތެރެއިން ދަތުރުކޮށް އަލިހުރަސް ކަނޑާ ދިމާލަށް އޮޔާ ހިނގައިދާނެއެވެ. އެހެންކަމުން، މި ސަރަޙައްދުގައި ދަތުރުފަތުރުކުރާ އުޅަނދުފަހަރު، އަދި ވަކިން ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއީ މުދާ އުފުލުމަށް ބޭނުންކުރި، ވަރުގަދަ ލަކުޑިން ހަދާފައިވާ 100 ފޫޓުގެ ދިގު ބޯޓެކެވެ. މެލޭޝިއާ ކުންފުންޏެއްގެ ބޯޓެއްކަމަށް ބެލެވޭ މި ބޯޓަކީ، މީގެ ކުރިން އޮޔާ ދަނިކޮށް ފެލިދޫގެ ބަޔަކު ސަލާމަތްކޮށް، ކަފުޖަހައިގެން އަތޮޅުތެރެއަށް ވައްދާފައިވާ ބޯޓެކެވެ. ފަރަށް އަރާފައި އޮތްއިރު، މަޑުމަޑުން ހަލާކުވަމުން ގޮސް، ފަހުން ވަނީ ބަންޑުން ޖަހާލާފައެވެ.

ފަސޭހައިން އަޑިއަށް ދިޔަނުދިނުމުގެ ގޮތުން، މި ބޯޓުގެ އަރިމަތީގައި ފުޅިމަދު ޖަހާފައިވެއެވެ. މި ބޯޓު އޮޔާ އައިސްފައިވަނީ ހައްޖަބު ކަނޑުން، ވ. އާރަށާ ދިމާލު ބޭރުން ކަމަށް މައުލޫމާތު ލިބެއެވެ. ފުރަތަމަ މި ބޯޓު ފެނުނު މީހުންނަށް އޭގެ ތެރެއިން ބުދެއްގެ އިތުރުން، ﷲ ގެ އިސްމުފުޅު ލިޔެފައިވާ ތަނެއްވެސް ފެނިފައިވާކަމަށްވެއެވެ.